22 ސެޕްޓެމްބަރ 2020 - 10:36

ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށުމުން އަމަލުކުރި ގޮތާ މެދު އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށް ފާޑުކީ ބިލިއަނަރު ރެން ޒީގިއަންގްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ނިންމައި 18 އަހަރަށް ޖަލަށް ލައިފި އެވެ.
ރެން އަކީ ރިއަލްއެސްޓޭޓް ވިޔަފާރީގައި އުޅުމަށް ފަހު މިހާރު ރިޓަޔާކޮށްފައި ހުރި މީހެކެވެ. އޭނާ އަކީ ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ރައީސަށް ފާޑުކިޔައި ލިޔުމެއް ޝާއިއުކޮށްފައިވަނިކޮށް މާޗް މަސް ތެރޭ ރެން ގެއްލުނެވެ. ފަހުން އެނގުނު ގޮތުގައި އޭނާ ހުރީ ކޮރަޕްޝަނާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފަ އެވެ.
ބެއިޖިންގެ ކޯޓަކުން ރެންގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރީ ރިޝްވަތުގެ ގޮތުގައި 16.3 މިލިއަން ޑޮލަރު ސަރުކާރުގެ ފައިސާގެ ތެރެއިން ހޯދާފައިވުމާއި ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން ހިންގި އަމަލުތަކެއްގެ ސަބަބުން، ސަރުކާގެ ކުންފުނިތަކަށް 17.2 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ބުނެ އުފުލި ދައުވާތަކާ ގުޅިގެންނެވެ.
މި ދައުވާތައް ސާބިތުވާ ކަމަށް ނިންމައި 18 އަހަރަށް ޖަލަށް ލުމާ އެކު 4.2 މިލިއަން ޔުއާން (620،000 ޑޮލަރު) އިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ފަނޑިޔާރު ވިދާޅުވީ މިގޮތަށް ހުކުމް ކުރީ އުފުލި ދައުވާތަކަށް ރެން އަމިއްލަ އިހްތިޔާރުގައި އިއުތިރާފް ވެފައިވާތީ ކަމަށެވެ.
ޗައިނާގެ މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުގައި އެ ގައުމުގައި ކޮރަޕްޝަންގެ ދައުވާ އާންމުކޮށް ކޮށް އުޅެނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާ ހިޔާލު ތަފާތުވެ ފާޅުގައި ނުކުންނަ މީހުންނާ ދެކޮޅަށެވެ. އަދި މިގޮތަށް ކުރާ ދައުވާތަކުގެ 99 ޕަސެންޓް ސާބިތުވެ އަދަބު ވެސް ދެ އެވެ.