ރަންބީރް ކަޕޫރަށް ވެސް ވެބް ސީރީޒެއް
ރަންބީރް ކަޕޫރަށް ވެސް ވެބް ސީރީޒެއް

ބޮލީވުޑްގެ މަޝްހޫރު ތަރިން މިހާރު ޑިޖިޓަލް ކޮންޓެންޓާ ދިމާއަށް ވެސް މިސްރާބު ޖަހަމުން އަންނަ އިރު، ރަންބީރް ކަޕޫރް ވެސް ވަރަށް އަވަހަށް ވެބް ސީރީޒެއްގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިޑް-ޑޭ އިން ބުނި ގޮތުގައި ރަންބީރަށް ހުށަހަޅާފައި ވަނީ ބީބީސީ ނެޓްވޯކުން ވެސް ކުރިން ގެނެސްދިން "ދަ ނައިޓް މެނޭޖާ" ސީރީޒްގެ ވާހަކަ ބިނާކުރި 1993 ގައި ލިޔުންތެރިޔާ ޖޯން ލި ކެރީ ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ހަދާ ވެބް ސީރީޒެވެ.

ރަންބީރަށް "ދަ ނައިޓް މެނޭޖާ" ހުށަހެޅި ކަމަށް އެ މިޑް-ޑޭ އިން ބުނެފައި ވަނީ މިދިޔަ މަހު ރިތިކަށް ވެސް އެ ހުށަހެޅި ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ ނޫހުން ބުނީ ރިތިކްގެ ބަދަލުގައި މިހާރު ރަންބީރަށް އެ ހުށަހަޅާފައިވާ ކަމަށާއި އެކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މިޑް-ޑޭ އިން ބުނީ "ދަ ނައިޓް މެނޭޖާ" އަށް ބިނާކޮށް ހަދާ ހިންދީ ސީރީޒަށް މިހާރު ޑައިރެކްޓަރަކު ވެސް ހޯދަމުން އަންނަ ކަމަށާއި އޭގެ ޝޫޓިން ރަންބީރް ފަށާނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ "ބުރައްމަސްތުރާ" އިން އަތް ދޫކޮށްލުމަށް ފަހު އެވެ. ރަންބީރް މަސައްކަތް ނިންމަން ޖެހޭ ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" ވެސް ހިމެނެ އެވެ.

މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނީ ރަންބީރް ސޮއިކޮށްފައި އޮތް ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ ޝޫޓިން ވެސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ފިލްމުގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.

ރަންބީރާ އެކު "ދަ ނައިޓް މެނޭޖާ" ގެނެސްދޭން ނިންމާފައި ވަނީ 10 އެޕިސޯޑްގެ ސީރީޒެއްގެ ގޮތުގަ އެވެ. އަދި ބޮޑު ބަޖެޓަކުން ހަދާ އޭގެ ޝޫޓިން އިންޑިއާގެ ވަރަށް ގިނަ ހިސާބުތަކުގައި ކުރިއަށް ގެންދާނެ ކަމަށްވެ އެވެ.

ބީބީސީން "ދަ ނައިޓް މެނޭޖާ" 2016 ގައި ގެނެސްދިނީ ސުޒާން ބިއާ ޑައިރެކްޓްކޮށް، ޓޮމް ހިޑެލްސްޓަނާ އެކީގަ އެވެ. އެ ސީރީޒްގައި ހިމެނެނީ އެއީ ހަ އެޕިސޯޑެވެ.