ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ގައި އާލިއާ ބަޓާއި ވިޖޭ ވަރުމާ
ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ގައި އާލިއާ ބަޓާއި ވިޖޭ ވަރުމާ

މީގެ ދުވަސްކޮޅެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމެއް އާލިއާ ބަޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް މިހާރު ބުނާ ގޮތުން ޑާކް ކޮމެޑީއެއްގެ ގޮތުގައި "ޑާލިންސް" ގެ ނަމުގައި ހަދާ ފިލްމުގައި އާލިއާއާ އެކު ބަަތަލުގެ ރޯލަށް ވިޖޭ ވަރުމާ މިހާރު ވަނީ ސޮއިކޮށްފަ އެވެ.

ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ގައި އާލިއާ ބަޓާއި ވިޖޭ ވަރުމާ
ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ "ޑާލިންސް" ގައި އާލިއާ ބަޓާއި ވިޖޭ ވަރުމާ

އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ ވިޖޭ އަކީ މިދިޔަ އަހަރު ރިލީޒްކުރި، އާލިއާ އާއި ރަންވީރު ސިންގްގެ "ގަލީ ބޯއި" ގެ ކާސްޓްގައި ވެސް ހިމެނުނު އެކްޓަރެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ޑާލިންސް" ގައި އާލިއާ އާއި ވިޖޭ ކުޅޭނީ ދެމަފިރިންގެ ރޯލެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އަދި ރެޑް ޗިލީޒުން ހިއްސާއެއް ނުކުރެ އެވެ. އެކަމަކު މީޑިއާތަކުން ބުނާގޮތުން މި ފިލްމަކީ އަނިޔާވެރި ފިރިއަކު ކިޑްނެޕްކޮށްގެން އަންބަކު އުޅެނިކޮށް، ފިރިމީހާ އެހެން ބައެއްގެ އަތްދަށުގައިވުމުން ހިނގާ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

ޕީޕިން މޫން އިން ބުނިގޮތުގައި "ޑާލިންސް" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި "ޕަތީ ޕަތުނީ އޯރް ވޯ" އާއި 2016 ގެ ފިލްމު "ފޯސް 2" ގެ ސްކްރީންޕްލޭގައި ހިއްސާވި ޖަސްމީތު ކޭ ރީންގެ އަލަތު ޑައިރެކްޝަނެވެ. އަދި ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އާލިއާ މީގެ ކުރިން ވެސް ރެޑް ޗިލީޒުން ޕްރޮޑިއުސްކުރި ފިލްމުތަކެއް ކުޅެފައިވެ އެވެ. އެއީ އޭނާގެ އަލަތު ފިލްމު 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އާއި 2016 ގެ "ޑިއާ ޒިންދަގީ" އެވެ.

ރެޑް ޗިލީޒުން މި ފަހުން ގެނެސްދިން އެންމެ ކާމިޔާބު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަމީތާބް ބައްޗަންގެ "ބަދުލާ" އެވެ. އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަބީޝެކް ބައްޗަންގެ "ބޮބް ނިވާސް" ހިމެނެ އެވެ.