22 ސެޕްޓެމްބަރ 2020 - 06:12

ވައިގެތެރޭ ކޮވިޑް-19 ގެ ވައިރަސް ފެތުރޭ ކަމަށާއި ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް ހަ ފޫޓަށް ވުރެ ވެސް ދުރަށް ވައިރަސް ދާ ކަމަށް ވެބްސައިޓްގައި ލިޔެވުނީ އޮޅިގެން ކަމަށް ބުނެ އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އެންމެ ފަހުގެ އަޕްޑޭޓްތައް ބަދަލުކޮށްފި އެވެ.
ކޮވިޑް-19 ޖެހިފައި ހުންނަ މީހަކު ކެއްސައި ކިނބިހިއަޅާއިރު ބުރައިގެންދާ ތިކިތައް ވައިގެ ތެރޭގައި ހައެއްކަ ފޫޓަށް ދުރަށް ބުރައިގެން ގޮސް، އޭގެ ޒަރިއްޔާ އިން އެހެން މީހުންނަށް ވައިރަސް އަރާ ކަމަށް ސައިންޓިފިކް ގޮތުން ހެކި ލިބިފައި ވިޔަސް، ކޮވިޑް-19 ފެތުރޭ ގޮތާ ބެހޭ ގޮތުން ޑަބްލިޔު.އެޗް.އޯ އާއި ސީޑީސީން މިހާތަނަށް ސީދާ އެގޮތަކަށް ނުބުނެ އެވެ. ވައިގެ ތެރޭ ކޮވިޑް ފެތުރޭ ކަމަށް ސީޑީސީން ވެބްސައިޓްގައި ލިޔުމާ އެކު އެކަން ސިއްހީ ތަޖުރިބާކާރުން ފާހަގަކޮށް ވާހަކަ ދައްކަމުން އަންނަނިކޮށް ސީޑީސީން މިހާރު ވަނީ ހަމަ ކުރިން އޮތް ގޮތަށް ބަދަލުކޮށްފަ އެވެ. ވެބްސައިޓްގެ ބެނާއެއްގައި ބުނެފައިވަނީ ވައިގެތެރޭ ކޮވިޑް ފެތުރޭ ކަމަށް ލިޔެވުނީ އޮޅިގެން ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން މާސްކް އެޅުމާއި ބަންދު ތަންތަނުގައި ނުތިބުމަކީ ވައިގެ ތެރޭގައި މިގޮތަށް ވައިރަސް ފެތުރޭތީ އެކަމުން ސަލާމަތްވާން ދީފައިވާ އިރުޝާދުތަކެވެ.
އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށިއިރު ޑަބްލިޔު.އެޗް.އޯ އާއި ސީޑީސީން ނިންމީ ކޮވިޑް ފެތުރެނީ އެކަކު އަނެކަކު ވަރަށް ގާތުގައި ތިބޭ ހާލަތުގައި، ކެއްސައި ކިނބިހިއަޅާއިރު ބޭރުގައި ކުޅުގެ ބޮޑެތި ތިކިތަކުން ކަމަށެވެ. ވައިގެ ތެރެއަށް ބުރައިގެންދާ، ލޮލަށް ނުފެންނަވަރުގެ ތިކިތަކުގެ ސަބަބުން ބަލި ޖެހޭ ކަމަކަށް ނުބުނެ އެވެ. ޑަބްލިޔު.އެޗް.އޯ އާއި ސީޑީސީން ވެސް ބުނަމުން އަންނަނީ ބުރައިގެންދާ، ލޮލަށް ނުފެންނަ ވަރުގެ ކުޅުތިކިތަކުން ބަލި ފެތުރޭކަމަށް ނިންމަން އަދި ސައިންޓިފިކް އިތުރު ހެކި ބޭނުންވާ ކަމަށެވެ.
ވައިގެތެރޭ ކޮވިޑް ފެތުރޭ ގޮތާ ބެހޭ ގޮތުން އާ މައުލޫމާތު ހޯދައި ވެބްސައިޓްގައި ހިމެނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމަކު މި ވަގުތަށް އޮތީ ހަމަ ކުރިން ވެސް ބުނަމުން އައި ގޮތް ކަމަށް ސީޑީސީން ވަނީ ބުނެފަ އެވެ.
ބަލި ފެތުރޭ ގޮތް ކަމަށް ބުނެ ހިމެނި މައުލޫމާތަކީ އޮޅުމެއް ކަމަށް ސީޑީސީން ބުނި ކަމުގައި ވިޔަސް އެކަމާ ބެހޭ ގޮތުން މިހާތަނަށް ސިއްހީ ތަޖުރިބާކާރުންގެ ގިނަ ބޭފުޅުން ގަބޫލުކުރައްވަމުން އައި ގޮތަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި މިހާރު ދީފައިވާ އިރުޝާދަށް ބަދަލެއް ނާދެ އެވެ.