21 ސެޕްޓެމްބަރ 2020 - 20:40

އިންޑިއާގައި ފިރިހެނަކު އޭނާގެ މާބަނޑު އަންހެނުންގެ ބަނޑު "ކަފާލުމުން"، ދަރިފުޅު މިއަދު މަރުވެއްޖެ އެވެ.
އަންހެންމީހާގެ އާއިލާ އިން ބުނާ ގޮތުގައި ބަޅު ވަޅިއަކުން އޭނާގެ ބަނޑު "ކަފާލީ"، ލިބެނީ ކޮން ކަހަލަ ކުއްޖެއްތޯ ބަލަންވެގެންނެވެ.
އިންޑިއާގައި އަދިވެސް އަންހެން ކުދިން ބޭނުންނުވާ މީހުން އުޅެ އެވެ. އަންހެން ކުއްޖެއްކަން އެނގިއްޖެ ނަމަ، ދަރި ވައްޓާލުން ފަދަ ކަންކަން ވެސް ކުރެ އެވެ.
އާއިލާއިން ބުނާ ގޮތުގައި ދެމަފިރިންގެ މިހާރު ވެސް ފަސް އަންހެން ކުދިން ތިބެ އެވެ. އަދި ފިރިހެން ކުއްޖަކު ހޯދަން ފިރިމީހާ ގެންދަނީ އަންހެނުންނަށް ވަރަށް ބޮޑަށް ޕްރެޝަރު ވެސް ކުރަމުން ކަމަށް، އާއިލާއިން ބުނެ އެވެ.
ފިރިހެންމީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ބުނީ އަންހެނުންނަށް ގަސްދުގައި އެއްވެސް އަނިޔާއެއް ނުދޭ ކަމަށެވެ. ވީ ކަމެއް ވީ އެކްސިޑެންޓަކުން ކަމަށް ވެސް އޭނާ ބުންޏެވެ.
މި ކަމެއް ހިނގައިގެން އުޅެނީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރު ޕްރަދޭޝްގެ ސަރަހައްދެއްގަ އެވެ.
ފުލުހުން ބުނާ ގޮތުގައި ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގައި އޮތް އަންހެންމީހާގެ ހާލު ރަނގަޅެވެ.
އަންހެންމީހާގެ ބޭބެއަކު ބުނީ ދިއްލީ އަށް އޭނާ ގެންދިޔައީ ހާލު ސީރިއަސްވުމުން ކަމަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ފިރިމީހާ ބުނި ގޮތުގައި އަންހެނުން ޒަހަމްވީ އޭނާ އެއްލި ވަޅި ޖެހިގެންނެވެ. ނަމަވެސް އެހާ ބޮޑަށް ޒަހަމް ވެދާނެ ކަމަށް ހީނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ އެބަ ތިބި ފަސް އަންހެން ދަރިން. އަހަރެން ގަބޫލުކުރަން ދަރިންނަކީ ކަލާނގެ ދެއްވާ ނިއުމަތެއްކަން. ކޮންމެ ކަމެއް ވެސް ވާން ހުރި ގޮތަކަށް ވާނެ،" ފިރިމީހާ ބުންޏެވެ.
އދ.ގެ ޖަމާއަތެއް ކަމަށްވާ ޔޫއެންއެފްޕީއޭ އިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިދިއަ 50 އަހަރު އިންޑިއާގައި 46 މިލިއަން އަންހެން ކުދިން ވަނީ ގެއްލިފަ އެވެ.
ސްކޭންކޮށްގެން ޖިންސު ވަކިކޮށްދިނުމަކީ މަނާ ކަމެއް ނަމަވެސް އެގޮތަށް ޖިންސު ޔަގީންކޮށް އެބޯޝަން ހަދައިގެން އިންޑިއާގައި އަހަރަކު 460،000 އަންހެން ކުދިން މަރާލާ ކަމަށް، ބައެއް ދިރާސާތަކުން އެނގެ އެވެ. އަދި ވިހެއުމަށް ފަހު އަޅާނުލައިގެން ވެސް އަންހެން ކުދިން މަރުވާ ރޭޓް މައްޗެވެ.