ސަރުކާރަށް ގެއްލުމެއް ނުވާނެ، ގެއްލޭނީ މައުމޫނަށް ކުރާ އިހްތިރާމް: ޝައިނީ
ސަރުކާރަށް ގެއްލުމެއް ނުވާނެ، ގެއްލޭނީ މައުމޫނަށް ކުރާ އިހްތިރާމް: ޝައިނީ

ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރެއްވި ތާއީދު، ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ގެންދެވިޔަސް، ސަރުކާރަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ގެއްލޭނީ މައުމޫނަށް އާންމުން ކުރާ އިހްތިރާމް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ގެއްލުމެއް ނުވާނެ، ގެއްލޭނީ މައުމޫނަށް ކުރާ އިހްތިރާމް: ޝައިނީ
ސަރުކާރަށް ގެއްލުމެއް ނުވާނެ، ގެއްލޭނީ މައުމޫނަށް ކުރާ އިހްތިރާމް: ޝައިނީ

ޝައިނީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އާ ގާނޫނުއަސާސީއަކީ މައުމޫންގެ މޭސްތިރި ކަމުގައި ވުޖޫދަށް ގެނައި އެއްޗެއް ކަމަށް ދައުވާ ކުރައްވައި ގާނޫނު ނެގެހެއްޓުމަށް ގޮވައިލައްވާ ބޭފުޅަކު ރާއްޖޭގެ ކޯޓުތަކުގެ ނިންމެވުންތަކަށް ބޯނުލަންބަވާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދައިން ރައީސް މައުމޫން ގާނޫނު މުގުރުއްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވި އެވެ.

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ނަމަވެސް ޝީ ބިލްޑިންގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ މައުމޫން ވަނީ ޕީޕީއެމްގައި ދެމި ހުންނަވައި ކާމިޔާބު ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު، ހެދިފައި ހުރި ގާނޫނުތައް ދޫކޮށް ހުދުމުހުތާރު ގޮތްތަކަށް އަމަލު ކުރުމާއި ބޭނުންވާ ގޮތަށް ކަންކަން ކުރާ އުސޫލު މާޒީވެފައިވާ ކަމަށެވެ. އަދި ތާއީދު އަނބުރާ ގެންދިޔަސް، ސަރުކާރު ހިންގުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގައުމަށް އެތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅަކު ސަރުކާރާ ދެކޮޅަށް މަސައްކަތް ފެށުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މަނިކުފާނު (މައުމޫން) ގައި ބާރު ދެރަވި ދުވަހު، އިހްތިރާމާއެކު ހުންނެވޭނެ ފުރުސަތު އޮތް، މި ޒަމާނުގައި އާއިލީ ވެރިކަމެއް ނުހިނގާނެ. އެ މީހެއްގެ ކުޅަދުންތެރިކަން ހުރި މިންވަރަކުން ވެރިކަމަށް އަންނާނީ،" މައުމޫންގެ ނިންމެވުމަށް ފާޑުވިދާޅުވެ މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި މައުމޫންގެ ނިންމެވުމުގެ ސަބަބުން ސަރުކާރަށް އެތެރެއިންނާއި ބޭރުން އެއްވެސް ފިއްތުމެއް ކުރިމައްޗެއް ނުވާނެ އެވެ. ސަރުކާރު ތެރޭގައި މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ތިއްބެވިޔަސް އެކަމަކާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި އެ ބޭފުޅުންނަށް މަސައްކަތް ކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު އޮތީ ވަރަށް ހަރުދަނާ ކަމާއެކު، ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް ވެސް ހުއްޓުމެއް ނާންނާނެ، ހިންގުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލެއްވި އިރު، އެއް ގޮންޖެހުމަކަށްވީ "މައުމޫން އަރިހުގައި ހުންނެވުން" ކަމަށެވެ. އަދި ރައީސް މައުމޫން ދައްކަވާ ބޭފުޅަކަށް މިހާރު ވެރިކަން ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ނުކުމެ ކުރިއަށް ދާން ބޭނުންވާ މީހަކު ކުރި އަށް ދާންވީ. އެ ފުރުސަތު އޮންނާނެ. ރައްޔިތުންގެ ތާއީދު ލިބިއްޖެއްޔާ ކުރިއަށް ދެވޭނެ. ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅެއްގެ ދަރިކަލުން ނެރުއްވައިގެން ކުރިއެރުންތަކެއް ނުލިބޭނެ،" މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ އަށް އިޝަރާތް ކުރައްވައި ޝައިނީ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކަންތައްތަކެއް ދައްކައިދޭން ޖެހޭނެ. މިއަދު ބަލައިގަންނާނީ ރައްޔިތުން ކުރިމަތީގައި މަސައްކަތް ކުރާ ސަރުކާރު، ގެއްލޭނީ މައުމޫނަށް ކުރާ އިހްތިރާމް،"

ޝައިނީ ވިދާޅުވި ގޮތުގައި ޕީޕީއެމް ތެރޭގައި ތިބި އެއްވެސް ބަޔަކު އެމްޑީޕީއާ ގުޅެން ބޭނުމެއް ނުވާނެ އެވެ. އެކަމަކު ވޭތުވެ ދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނުނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ތަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕީޕީއެމް ތެރޭގައި މަސައްކަތް ކުރާ ބައެއް ބޭފުޅުންގެ ބަހުރުވަ ހުރީ އިދިކޮޅު ފަރާތްތަކުގެ ބަހުރުވަ ހުންނަ ގޮތަށް، އެހެންވީމަ މި ނިންމުމަކީ މައުމޫނަށް ކުރަމުން އަންނަ އިހްތިރާމް ގެއްލޭނެ ކަމެއް، ރައީސް ޔާމީނަށް ގެއްލުމެއް ނުލިބޭނެ،"