ހަނގުރާމަ ފެށި ފަހުން އައިއެސްގެ އެތައް ހާސް ހަނގުރާމަވެރިން މަރުވެއްޖެ
ހަނގުރާމަ ފެށި ފަހުން އައިއެސްގެ އެތައް ހާސް ހަނގުރާމަވެރިން މަރުވެއްޖެ

ވޮޝިންޓަން (އޮކްޓޯބަރު 28) - އިރާގުގެ މޫސަލް ހިފުމުގެ ހަނގުރާމަ ފެށި ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އެތައް ހާސް ހަނގުރާމަވެރިންނެއް މަރެފައިވާ ކަމަށް އެމެރިކާ ސިފައިންގެ ޖެނެރަލަކު ވިދާޅުވެއްޖެ އެވެ.

ހަނގުރާމަ ފެށި ފަހުން އައިއެސްގެ އެތައް ހާސް ހަނގުރާމަވެރިން މަރުވެއްޖެ
ހަނގުރާމަ ފެށި ފަހުން އައިއެސްގެ އެތައް ހާސް ހަނގުރާމަވެރިން މަރުވެއްޖެ

ޖެނެރަލް ވިދާޅުވީ އެމެރިކާ ކޯލީޝަނުގެ ވައިގެ ހަމަލާތަކާ އެކު އިރާގު ސިފައިން މޫސަލްއާ ކައިރިވަމުންދާ ވަރަކަށް އައިއެސް އަށް ލިބެމުންދާ ގެއްލުންތައް ބޮޑުވަމުންދާ ކަމަށެވެ. ހަނގުރާމަ ފެށުމުގެ ކުރިން މޫސަލްގައި ތިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އައިއެސްގެ 5،000 ވަރަކަށް ހަނގުރާމަވެރިންނެވެ.

މޫސަލް ހިފުމުގެ ހަނގުރާމައިގައި އިރާގު ސިފައިންނަށް ކާމިޔާބު ލިބެމުން ދިޔަ ނަމަވެސް އެމެރިކާގެ ޖެނެރަލުން ވިދާޅުވަނީ މޫސަލް އެކުގައި ފަތަހަ ކުރަން އަދި މަސްތަކެއް ނަގާނެ ކަމަށެވެ. މޫސަލް ހިފުމުގެ އޮޕަރޭޝަނުގައި އިރާގު ސިފައިންގެ އިތުރުން ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިންނާއި ސުންނީ އަރަބި ގަބީލާތަކުގެ މީހުންނާއި އަދި ޝިއައީ ހަނގުރާމަވެރިންނާ އެކު 50،000 ސިފައިން ބައިވެރިވާ ކަމަށްވެ އެވެ.

މި ލަޝްކަރާ އެކު އެމެރިކާ ސިފައިންގެ 100 އެޑްވައިޒަރުން ވެސް ހަރަކާތްތެރިވެ އެވެ. އެމެރިކާ ސިފައިންގެ އެޑްވައިޒަރުންގެ ރޯލަކީ އިރާގު ސިފައިންގެ ކޮމާންޑަރުންނަށް ހަމަލާތައް ކުރިއަށް ގެންދާނެ ގޮތުގެ ލަފާ ދިނުމާއި ވައިގެ ހަމަލާތައް ދޭނެ ގޮތާ ބެހޭ ގޮތުން ކޯލީޝަނުގެ މަތިންދާ ބޯޓުތަކަށް އެހީތެރިވެ ދިނުމެވެ.

އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ޓައުސެންޑް ވިދާޅުވީ އޮކްޓޯބަރު 17 ވަނަ ދުވަހު ހަމަލާތައް ފެށި ފަހުން ކޯލީޝާނުން އޭރިއަލް ބޮމާއި މޯޓަރު ހަމަލާ އަދި ރޮކެޓާއި މިސައިލުން 2،100 ހަމަލާދީފައިވާ ކަމަށެވެ.

އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ޖޯސެފް ވޮޓެލް އޭއެފްޕީ އަށް ވިދާޅުވީ މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށި ފަހުން އައިއެސްގެ 800-900 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އިރާގު ސަރުކާރުން ވަނީ އެ ގައުމުގެ ސިފައިންގެ ތެރޭން 57 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ކޮމާންޑަރުންނަށް މައުލޫމާތު ދީފަ އެވެ.