ޕިރްލޯގެ ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެއްޖެ
ޕިރްލޯގެ ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެއްޖެ

ޓިއުރިން (ސެޕްޓެމްބަރު 21) – އާ ކޯޗު އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ރޭ އިޓާލިއަން ލީގުގައި ސަމްޕްޑޯރިއާ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

އިޓަލީގެ ތަޖުރިބާކާރު ކޯޗު ކްލައިޑިއޯ ރަނިއޭރީ ކޯޗުކޮށްދޭ ސަމްޕްޑޯރިއާ އަތުން ޕިރްލޯ ކާމިޔާބު މި ހޯދީ އޭނާ އަށް ކޯޗިން ޑިޕްލޮމާ ލިބުނުތާ ކައިރީގަ އެވެ. މައުރީޒިއޯ ސާރީ ވަކިކޮށް ޕިރްލޯއާ ޔުވެންޓަސް ހަވާލުކުރިއިރު އޭނާގެ ކޯޗިން އެއްވެސް ތަޖުރިބާއެއް ނެތެވެ.

ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ނުވައްދާ ގިނަ މެޗުތަކެއް ކުޅުމަށް ފަހު ރޭ ކުޅުނީ 1000 ސަޕޯޓަރުން ވައްދައިގެންނެވެ.

އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލަށް ޓީމުގައި ހިމެނުނު ސްވިޑަން ފޯވާޑް ޑެޖާން ކުލުސެވްސްކީ އެވެ. ޔުވެންޓަސްގެ ދެ ވަނަ ގޯލް 78 ވަނަ މިނެޓުގައި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ޖެހިއިރު ފަހު ގޯލް 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅަދާނަ މިޑްފީލްޑަރު ޕިރްލޯ ބުނީ އޭނާ ގަޔާވާ ގޮތަށް ކުޅޭ ޓީމުތަކުގެ ފަރާތުން ހިތްވަރު ހޯދާނެ ކަމަށާއި އެކަމަކު އޭނާ އެއްވެސް ޓީމެއްގެ ސްޓައިލް ކޮޕީ ޕޭސްޓްނުކުރާނެ ކަމަށެވެ.

"ވަގުތުކޮޅެއް ނަގާނެ އަހަރެން ބޭނުންވާ ގޮތަށް ކުޅުވަން. ޓީމު ތައްޔާރުކުރަން ވެސް ވަރަށް ކުޑަ ވަގުތުކޮޅެއް ލިބުނީ. ގައުމީ ޓީމުތަކުން ކުޅުންތެރިން އެނބުރި އައިސް އެއްކޮށް މަސައްކަތްކުރެވުނީ ހަފުތާއެއްހާ ދުވަހު،" ޕިރްލޯ ބުންޏެވެ.

ލީގުގައި ރޭ ނަޕޯލީން ވަނީ ޕާމާ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ. ޕިރްލޯއާ އެކު އިޓަލީ އާއީ އޭސީ މިލާނަށް ކުޅުނު ޖެނާރޫ ގަޓޫސޯ ކޯޗުކޮށްދޭ ނަޕޯލީ އަށް ލަނޑު ޖަހައިދިނީ ޑްރިއެސް މާޓިންސް އާއި ލޮރެންޒޯ އިންސީނޭ އެވެ.