21 ސެޕްޓެމްބަރ 2020 - 09:20

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 90 އަހަރުގެ ދިވެއްސަކު ރޭ ދަންވަރު މަރުވެއްޖެ އެވެ. މިއީ ރާއްޖެ އިން ކޮވިޑް ޖެހުނު 9،700 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެ ބަލީގައި މިހާތަނަށް މަރުވި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ. އަދި މިއީ ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން ވެސް މިހާތަނަށް މަރުވި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.
އެޗްޕީއޭ އިން ދެންމެ ބުނީ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އެ ފިރިހެންމީހާ މަރުވީ ރޭ ދަންވަރު 1:25 ގައި ކަމަށެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން މިހާތަނަށް މަރުވި 34 ވަނަ މީހާ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 90 އަހަރަށް ވުރެ މަތީގެ މީހުންނަށް ވެސް ރާއްޖެ އިން ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
މިދިޔަ މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލީގެ ކޭސްތައް މި ދުވަސްވަރު އަނެއްކާ ވެސް ވަނީ ދަށަށް ދާން ފަށައިފަ އެވެ. މިވަގުތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން ދަށުގަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް 75 މީހަކަށް އަލަށް ކޮވިޑް ޖެހުނުއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 22 އެވެ. ބިދޭސީންގެ އަދަދު އުޅެނީ 53 ގަ އެވެ.
މިހާރު އެ ބަލީގައި ފަރުވާ ހޯދަނީ 1،424 މީހެކެވެ. އޭގެ ތެރެއިން 107 މީހަކަށް ފަރުވާ ދެނީ އެޑްމިޓު ކޮށްގެންނެވެ. ރާއްޖެ އިން ކޮވިޑު ޖެހިފައި މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމުލަ އަކީ 8،261 މީހެކެވެ.