22 ސެޕްޓެމްބަރ 2020 - 09:06

އޮޅުކޮށްގެން އުޅޭ ދޫންޏެއް ނުވަތަ ޖަނަވާރަކާ އެކު ގުޅުން ދެމެހެއްޓެނީ ކިހާ ވަރަކަށް ހެއްޔެވެ؟ އެކަމާ ބެހޭ ހަގީގީ ވާހަކައެއް، މާޒީގެ ތެރެއިން މިހާރު މި އޮތީ ފެންނާށެވެ.

ބ. ތުޅާދޫ، ފިޔަޖަހާގޭ އަލީ މޫސާ ނުވަތަ އައްޔަބޭ އާއި އޭނާ ގެންގުޅުއްވި ބޮޑުގާދޫނި (ބޮޑުގަލާ)ގެ ވާހަކަ ހާއްސަ ވަނީ، އެ ދެމެދުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އައްޔަބޭ އަވަހާރަވިތާ އެތައް އަހަރެއް ވީ ނަމަވެސް، އޭނާގެ ކާފަ ދަރިންނާއި ތުޅާދޫގެ މީހުން، މިހާރު ވެސް އެ ވާހަކަ ކިޔައިދެނީ ފަހުރުވެރިކަމާ އެކުގަ އެވެ. އެ މީހުން ސިފަކުރާ ގޮތުން، މީގެ 40 އަހަރު ކުރިން ފެނުނީ، ލޯތްބާއި އޯގާތެރިކަމުން ފުރިފައި އޮތް، އިންސާނަކާއި އެހެން މަހުލޫގަކާ ދެމެދު ވަރަށް މަދުން ނޫނީ ނޯންނަ ފަދަ، އަޖައިބުކުރަނިވި ގުޅުމެކެވެ.

އައްޔަބެ އާއި އޭނާގެ ބޮޑުގަލާގެ ވާހަކަ، ކާފަދަރިފުޅު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ ކުރީގެ މެމްބަރު އަދި ކަސްޓަމްސް ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް އިބްރާހިމް އަފީފް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެތައް ބަޔަކު ގަބޫކުރަނީ އެއީ މާޒީގެ ރީތި ވާހަކައެއް ކަމަށެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި ގޮތުގައި ފިނޮޅަކުން ހިފި އެ ދޫނި، އޭނާގެ ކާފަ، 19 އަހަރަށް ވުރެ ގިނަ ދުވަހު ގެންގުޅުއްވި އެވެ. އެކަމަކު އެ ދޫނި އުޅުނީ އައްޔަބޭގެ ގެއަކު ވެސް ނޫނެވެ.

އައްޔަބޭއާ އޮޅުވެފައިވާލެއް ބޮޑުކަމުން، ކޮންމެ ދުވަހަކު މިސްކިތަށް ނަމާދަށް ދާއިރު ފަހަތުން ދޫނި ދެ އެވެ. ބައެއް ފަހަރު ހިނގާފައި، ނޫނީ ކުޑަކޮށް އުދުހިލާފަ އެވެ. ނަމާދުކޮށް، ގުރުއާން ކިޔަވައި ނިމެންދެން މިސްކިތުގެ ހަރިންމަ ތެރޭގައި ދޫނި ހިނގާލަ ހިނގާލަ ހުރެ އެވެ. އޭތީގެ އަމިއްލަ ދުނިޔެއަށް އެނބުރި ދަނީ، މިސްކިތުން ފައިބައި، އައްޔަބޭ ގެއަށް ވަނުމުންނެވެ.
ކިތަންމެ ގިނަ ދުވަހަކު އެ ބޮޑުގަލާ ގެންގުޅުނު ނަމަވެސް، ގޭގައި ބަންދުކޮށްގެން ނުބަލަހައްޓަވަ އެވެ. ވަރަށް ތުއްތު އިރު ހިފައިގެން، ގެއަށް ގެނެސް ކާން ދެއްވި ފަހުން، އެ ދޫނި އަބަދުވެސް އައްޔަބޭގެ ފަހަތުން އުޅެ އެވެ. ކަނޑުމައްޗަށް ގޮސް އަމިއްލައަށް ކާނާ ހޯދި ނަމަވެސް، ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށް ފަހު އެ ގެއަށް ތިރިކޮށްލަނީ، އައްޔަބޭގެ އަތުން މަސް ކާށެވެ. އެ ނޫން ވަގުތުތަކުގައި ވެސް އައްޔަބޭގެ ގޭގެ ފުރާޅުމަތީގައި އެ ދޫނި މަޑުކޮށްލައިގެން އިނދެ އެވެ.
"ކާފަ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު އަމިއްލައަށް މޫދަށް ގޮސް މަސް ބާނައިގެން އައިސް އެއަށް ކާންދޭނީ. އުނބަށް ލޮނު އަޅައިގެން، އޭގައި މަސް ރައްކާކޮށްފައި ހުންނާނީ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށް ފަހު، މަގުމައްޗަށް ނުކުންނަވައި، "އަހައަހަ" ގޮވާލެއްވީމައި، ރަށް މަތީ ހޯރަ އަޅާލާފައި ދޫނި ކާފަ ކައިރިއަށް ތިރިކޮށްލާނެ އެވެ. އެއީ އެ ރަށުގެ ގިނަ ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ވަރަށް ހިތްގައިމު މަންޒަރަކަށްވެ، އެތަން ބަލަން ނުކުންނަ ކަމަށްވެ އެވެ.
ކޮންމެ ދުވަހަކު ދޫންޏަށް ކާންދިން ނަމަވެސް، ބިސް އަޅަން ވީމައި ދޫނި އަހަރަކު އެއް ފަހަރު ގެއްލެ އެވެ. އެކަމަކު މަހަކަށް ފަހު އެ ދޫނި އެނބުރި އަންނަނީ، ތުއްތު ދަރިންކޮޅު ވެސް ގޮވައިގެންނެވެ. އެންމެ ދުވަހަކަށް އެހެން އަންނާތީ، ތުޅާދޫ މީހުން ގަބޫލުކުރަނީ، އެއީ އޭގެ ދަރިންކޮޅު އައްޔަބެއަށް ދައްކާލަން ކުރާ ކަމެއް ކަމަށެވެ.
"ވިހައިގެން އެނބުުރި އަންނާނީ ދަރިންކޮޅު ގޮވައިގެން. އެ ދޫނިތައް ތިބޭނެ ފުރާޅުމަތީގައި އެތުރިލައިގެން. ފުރަތަމަ ދުވަހު އެހެން އައި ނަމަވެސް ދެން އަންނާނީ މައިދޫނި އެކަނި،" އަފީފް ކިޔައިދެއްވި އެވެ.
ތުޅާދޫގެ ކަތީބުކަމާއި އޮޑިވެރިކަން ކުރެއްވި އައްޔަބޭގެ ދަރިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވީ އުސްމާން އަލީ އެކަންޏެވެ. އެ ރަށުގެ ބޮޑު ކަތީބު އަދި ގާޒީކަން ވެސް ކުރެއްވި އުސްމާން އަލީ ވިދާޅުވި ގޮތުގައި ބައްޕަ ރަށުން ބޭރަށް ވަޑައިގެންފި ނަމަ އެ ރަށަކަށް ވެސް ދޫނި ދެ އެވެ. ކޮންމެ ރަށެއްގައި ހުންނެވި ނަމަވެސް، އަސުރުގެ ފަހުން އެ ސޮރު ކާނީ އައްޔަބޭގެ އަތުންނެވެ. އަބަދު ފަހަތު ލައިގެން ނޫޅުނު ނަމަވެސް، ކާގަޑި ޖެހުމުން، ހުރިތާކުން ހޯދައިގެން އައްޔަބޭގެ އަތުން ބޮޑުގަލާ ކާތީ، އޭރު ވެސް އެކަން ވެފައި އޮންނަނީ ވަރަށް އާދަޔާހިލާފު ކަމަކަށެވެ.
"ބޭހަކަށް ބައްޕަ ރަށަކަށް ވަޑައިގަތަސް ބޮޑުގަލާ އެ ރަށަކަށް ދާނެ. އަޅުގަނޑުމެންނަށް ވެސް ގަބޫލެއް ނުކުރެވޭ ދޫންޏަކަށް އިންސާނަކު އެހާ ބޮޑަށް ފާހަގަކުރެވިދާނެ ކަމަކަށް. އެކަމަކު ބައްޕަ އާއި އެ ދޫންޏާ ދެމެދު އޮތީ ހަމަ ދަރިއަކާ ބައްޕައާ ދެމެދު އޮންނަ ފަދަ ގާތް ގުޅުމެއް،" އަތޮޅުގެ ނައިބުކަން ވެސް ކުރެއްވި އުސްމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަ އަވަހާރަވި ދުވަހު ދޫނި ވަރަށް ގިނަ އިރު ވާންދެން ރަށް މަތީގައި އުދުހުނެވެ. އެނބުރި ދިޔައީ، އުސްމާން ވިދާޅުވި ގޮތުގައި، އައްޔަބޭ ވަޅުލުމުންނެވެ.
ނަވާރަ އަހަރަށް ވުރެ ގިނަ ދުވަހު ކާންދިން "ބައްޕަ" އަވަހާރަވުމުން، ކުޑަ ދުވަސްކޮޅެއް ވާންދެން ދޫނި އެ ގެއަށް ދިޔަ ކަމަށް ވެ އެވެ. އެކަމަކު އިތުރު މީހަކު އަތުން ކާކަށް ބޭނުމެއް ނުވި އެވެ. ހައެއްކަ މަސް ވަންދެން އެހެން އުޅުމަށް ފަހު ދޫނި ގެއްލުނީ އެވެ.
އައްޔަބޭގެ ކާފަ ކުދިންގެ އަވަށްޓެރިޔާ އަދި ވިލާ ކޮލެޖްގެ ސީނިއަ މެނޭޖްމެންޓުގައި ހިމެނިވަޑައިގަންނަވާ އަބޫބަކުރު ދާއޫދުގެ ވެސް ކުޑައިރުގެ އެންމެ އުފާވެރި ދުރު ހަނދާނަކީ އައްޔަބޭ އާއި އޭނާގެ ދޫންޏެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެހާ ގިނަ ދުވަސް ވަންދެން ދޫންޏެއް ގެންގުޅެ، އަދި އާދަޔާހިލާފު ގުޅުމެއް ގާއިމްކުރެވޭނީ އެ މީހަކީ ވެސް ހާއްސަ ޝަހުސިއްޔަތަކަށް ވެގެންނެވެ.
އައްޔަބެ އަކީ އޭނާ އަވަހާރަވަންދެން، ހުރިހާ ދަރިންނާއި ކާފަ ދަރިންނާ އެކު އެއް ގެއެއްގައި އުޅުއްވި އަދި އާއިލީ ގުޅުން ވަރަށް ބޮޑަށް ދެމެހެއްޓެވި ބޭފުޅެކެވެ. އަޅުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވި ރަށުގެ ގަދަރުވެރިއެކެވެ. ގިނަ ކާފަދަރިން މިހާރު އުޅުއްވަނީ ސަރުކާރުގެ މަތީ މަގާމުތަކާއި ޒިންމާދާރު ވަޒީފާތަކުގަ އެވެ.
އެފަދަ ގުޅުމެއް ދޫންޏަކާ ގާއިމްކުރެވޭނީ، އަބޫބަކުރުގެ ނަޒަރުގައި، ވަރަށް އޯގާތެރި، ޚުލްގު ހެޔޮ މީހަކަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކު އޮޅުކޮށްގެން ދޫނި އަދި ޖަނަވާރު ގެންގުޅުނު ނަމަވެސް، ގިނަ ފަހަރަށް ގުޅުން ގާއިމްކުރެވިފައި އޮންނަނީ އަޅުވެތިކަމުގެ ތެރެއިންނެވެ. ކުރިން ވައްލަ އަކަސް، ހޯރަ އަކަސް ގިނަ މީހުން ގެންގުޅެނީ ކޮންމެވެސް ވަރެއްގެ ބަންދެއް ނުވަތަ ހައްޔަރަކާ އެކުގައި ކަމަށް ވިޔަސް، އައްޔަބޭގެ ބޮޑުގާދޫނި ރަށުގެ މަތިން ހޯރަ އަޅަމުން، ހަމަ އެގޭގެ ފުރާޅުމައްޗަށް ތިރިކޮށްލާނީ، އެ މީހަކާ މެދު ބޮޑު ކުލުނެއް އުފެދިފައިވާތީ ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.
"މިހާރު ވެސް މާލޭގެ މަގުމަތިން ފެންނާނެ، ސައިކަލުގައި ދާއިރު ކޮނޑުމަތީގައި އިންނާނެ ގުރައެއް ފަދަ ދޫންޏެއް. އެކަމަކު ބަލާބެލުމަށް، އެ ދެމެދުގައި މާ ބޮޑު ކުލުނެއް އުފެދިފައި އިންނަހެން ހިއެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އައްޔަބޭގެ ބޮޑުގަލާ ގިނައިން އުޅުނީ ކަނޑުމަތީގަ އެވެ. އަމިއްލަ ވަޒަނުގައި ހާލި ހަދައިގެން، ދަރިން ވިހައިގެންނެވެ. އެކަމަކު އޭނާ ނަމާދަށް ވަޑައިގަންނަވާ އިރު މިސްކިތް ކައިރިއަށް ގޮސް، ވަކި ގަޑިއަކަށް ކާން އެ ދޫނި އައުމަކީ ޔަގީނުން ވެސް އާދަޔާހިލާފު ގުޅުމެކެވެ. މިއީ މާޒީގެ ތެރެއިން ފެންނަން އޮތް އަޖައިބެއް ކަހަލަ ހަގީގީ ވާހަކައެކެވެ.
ބޮޑުގާދޫޏަކީ މިހާރު ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އޮޅުކޮށްގެން ނަމަވެސް މި ފަދަ ދޫނި ގެންގުޅުމަކީ މިހާރު މަނާކަމެކެވެ.