20 ސެޕްޓެމްބަރ 2020 - 17:34

ކުރީގެ ނަައިބު ރައީސް އަހުުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގަައި ކުރި ހަތް ދައުވާ ވެސް އެ ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަތައް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަތައް ހައި ކޯޓުން ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އެ ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
އެ މައްސަލަތަކުގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަ ނިންމަން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު އެވެ.
އަދީބާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ އެ މައްސަލަތައް އަލުން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ވިދާޅުވެ، އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހަތް ދައުވާ އުފުލީ އޭނާއާ އެކު ހެދި ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން، ކުށަށް އިއުތިރާފްވާ ނަމަ ލުއި އަދަބެއް ދޭން އެއްބަސްވުމަށް ފަހު އެވެ. އަދި ބޮޑު ޚިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ވެސް އޭނާއާ އެކު އޮތީީ ހަދައިފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމީ އެ އެއްބަސްވުންތައް ދައުލަތުން އޭނާއާ އެކު ހެދީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.