ދެ ވަނަ މަހު ޓޫރިސްޓުން އައި އަދަދު 61 ޕަސެންޓް އިތުރުވެއްޖެ
ދެ ވަނަ މަހު ޓޫރިސްޓުން އައި އަދަދު 61 ޕަސެންޓް އިތުރުވެއްޖެ

ބޯޑަރު ހުޅުވި ފުރަތަމަ މަހާ އަޅާބަލާއިރު ދެވަނަ މަހު ޓޫރިސްޓުން އައި އަދަދު 61 ޕަސެންޓު އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ނެރުނު ތަފާސް ހިސާބު ދައްކާގޮތުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިތާ ދެ މަސްދުވަހުގެ ތެރޭގައި 13،516 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ތެރޭގައި ފުރަތަމަ މަހު އައި 5،177 ޓޫރިސްޓުންނާއި ދެވަނަ މަހު އައި 8،339 ޓޫރިސްޓުން ހިމެނެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން ގުނަމުން އަންނަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވި ތާރީހުން ފެށިގެން، ކޮންމެ 30 ދުވަހަކުންނެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވީ ޖުލައި 15 ގަ އެވެ. އެހެެންވެ ދެ މަސް ހަމަވީ މި މަހުގެ 15 އަށެވެ.

މި މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫއޭއީންނެވެ. އެއީ 656 ޓޫރިސްޓުންނެވެ. ޔޫއޭއީ އަކީ ބޯޑަރު އަލުން ހުޅުވުމުން ރާއްޖެއަށް އެންމެ ފުރަތަމަ ފަސިންޖަރުންނާ އެކު ދަތުރުތައް ފެށި ގައުމެވެ. ފާއިތުވި ދެ މަސްދުވަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައީ އެ ގައުމުންނެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފެށި ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 539 ޓޫރިސްޓުން މިހާތަނަށް ވަނީ އައިސްފަ އެވެ. ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް މި މަހުގެ 11 ވަނަ ދުވަހު ފެށި ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެ ގައުމުން ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ސްޕެއިނާއި ޖަރުމަނު ހިމެނެ އެވެ.

ރާއްޖެ އަކީ ޓޫރިސްޓުންނަށް ރައްކާތެރި ގައުމެއްކަން ޔަގީން ކޮށްދިނުމުގެ ގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ވެސް ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި ލޯކަލް ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން އަންނަ މަހުގެ 15 ގައި މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގެ ގެސްޓް ހައުސްތައް ވެސް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.