20 ސެޕްޓެމްބަރ 2020 - 10:23

ބެލަރުސްގެ ހުދުމުހުތާރު ރައީސްއާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މަޝްހޫރުކަން ހޯދާފައިވާ މުނިމާމަ ވެސް އެންމެ ފަހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
މިދިއަ މަހު އޮތް ރިޔާސީ އިންތިހާބުގައި އޮޅުވާލައިގެން ކާމިޔާބުކުރެއްވިކަމުގެ ތުހުމަތުގައި، ރައީސް އެލެގްޒެންޑަ ލުކަޝެންކޯއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބެލަރުސްގެ އެކި ސަރަހައްދުގައި ގެންދަނީ ކުރިއަށެވެ. ހާއްސަކޮށް މި މުޒާހަރާތަކުގެ ކުރީ ސަފުގައި ގިނައީ އަންހެނުންނެވެ.
"އަންހެނުންނަށް އަނިޔާކުރާނީ ފިނޑިން" ކަމަށް ގޮވަމުން ދިޔަ އަންހެން މުޒާހަރާގެ ބައިވެރިން ވަށާލީ ފެހި ކުލައިގެ ޔުނީފޯމްގައި ތިބި ފިރިހެނުންނެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 73 އަހަރުގެ މުނިމާމަ ނީނާ ބަހިންކާޔާ އެވެ. އެކަނިމާއެކަނި ފުލުހުންގެ ސަފުތަކުގެ ކުރިމައްޗަށް އަރާ، ރައީސް ލުކަޝެންކޯއަށް ނީނާ ފާޑުކިޔާ ފޮޓޯތަކާއި ވީޑިއޯތައް ވަރަށް މަޝްހޫރެވެ. އެހެންކަމުން އޭނާއަކީ މުޒާހަރާގެ މުހިންމު ބައިވެރިޔަކަށް އޮތީ ވެފަ އެވެ.
ބެލުރުސްގެ އިންތިހާބުގެ ނަތީޖާއާ މެދު ބައިނަލްއަގުވާމީ މުޖުތަމައު ވެސް ޝައްކުތައް އުފައްދަ އެވެ. އެކަމަކު ރަޝިޔާގެ އެހީތެރިކަން ލިބޭ ބެލުރުސްގެ ރައީސް ހުންނެވީ ގޮތްދޫކުރައްވާކަށް ނޫނެވެ. ބެލަރުސްގެ ވެރިކަމުގައި ލުކަޝެންކޯ ހުންނަވާތޯ 26 އަހަރު ވެއްޖެ އެވެ.
އޮގަސްޓް 9 ގައި އޮތް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑެތި މުޒާހަރާތައް ބޭއްވި އެވެ. އެ މުޒާހަރާތައް އަނިޔާވެރިކަމާ އެކު ރޫޅާލުމުން، ދެން ފެނުނީ ސިލްސިލާކޮށް އިދިކޮޅުގެ އަޑު އިއްވަމުން ގެންދާތަނެވެ.
ލުކަޝެންކޯއާ ވާދަކުރެއްވި އިދިކޮޅު އަންހެން ލީޑަރު ވެޓްލަނާ ޓިހަނޮސްކާޔާ ހުންނެވީ ލިތުއޭނިއާއަށް އަރުވާލެވިގެންނެވެ. އޭނާއާ އެކު ދެން ތިއްބެވި އަންހެން އަނެއް ދެ ލީޑަރުންގެ ތެރެއިން ބެލަރުސްގައި ހުންނެވީ މާރިއާ ކޮލެސްނިކޯވާ އެކަންޏެވެ. ގަދަބާރުން އޭނާ ގައުމުން ބޭރުކޮށްލަން އުޅުމުން އަމިއްލައަށް ޕާސްޕޯޓް ވީދާލެއްވީ އެވެ. މިހާރު އޭނާގެ މައްޗަށް ވަނީ ސަލާމަތަށް ނުރައްކާކުރުމާއި ރުޅިވެރިކަން އުފެއްދުމުގެ ދައުވާ އުފުލައިފަ އެވެ.
ލުކަޝެންކޯ ވިދާޅުވާ ގޮތުގައި މުޒާހަރާތަކުގެ ފަހަތުގައި ވަނީ ބޭރު ގައުމުތަކުގެ ނުފޫޒެވެ. އޭނާ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅުހައްދަވަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެ ހައްޔަރުކުރި 300 އަންހެނުންގެ ތެރެއިން ގިނަ މީހުން ދޫކޮށްލި އެވެ. އޭގެ ތެރޭގައި ނީނާ ވެސް ހިމެނެ އެވެ.