"އަންދާދުން" ގައި ތައްބޫ ކުޅުނު ރޯލް ތެލެގޫ ފިލްމުގައި ތަމަންނާ އަށް
"އަންދާދުން" ގައި ތައްބޫ ކުޅުނު ރޯލް ތެލެގޫ ފިލްމުގައި ތަމަންނާ އަށް

މީގެ ދެ އަހަރު ކުރީގެ ކާމިޔާބު ހިންދީ ފިލްމު "އަންދާދުން" ގައި ތައްބޫ ކުޅުނު ރޯލު އޭގެ ތެލެގޫ ރިމޭކްގައި ކުޅޭނީ ތަމަންނާކަން ކަށަވަރުކޮށް ދީފި އެވެ.

ފިލްމުގެ ޓީމުން މައިގަނޑު ކާސްޓުން އިއުލާންކޮށްފައިވާ އިރު، އަޔޫޝްމަން ކްރާނާ އަށް އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ރޯލް ތެލެގޫ ފިލްމުގައި ކުޅޭނީ ނިތިން އެވެ. އަދި "އަންދާދުން" ގެ ރާދިކާ އަޕްޓޭ ކުޅުނު ރޯލުން ފެނިގެންދާނީ ނަބާ ނަތޭޝް އެވެ.

މި ފިލްމުން ތަމަންނާ އަށް ފުރުސަތު ލިބުނީ ތެލެގޫ ރިމެކްގައި ވެސް "އަންދާދުން" ގައި ކުޅުނު ކެރެކްޓާ ކުޅެން ތައްބޫ އަށް ހުށަހެޅުމުން އޭނާ އެކަމާ އެއްބަސްނުވުމުން ފަހުން، ޝިލްޕާ ޝެޓީ އަށް ވެސް ހުށަހެޅި ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ތަމަންނާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާއެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ވެސް ހިމެނެ އެވެ. ބޮލީވުޑްގެ ފިލްމުތަކުން ވެސް ދޭތެރެ ދޭތެރެ އިން ފެންނަ ތަމަންނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ހިންމަތުވާލާ" އާއި "ހަމްޝަކަލްސް" ފަދަ ފިލްމުތައް ހިމެނެ އެވެ. ތަމަންނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅެފައިވާ "ބޯލެ ޗޫޅިޔާ" އެވެ.

ޑައިރެކްޓަރު ސްރީރާމް ރަގްވަން ސަސްޕެންސް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "އަންދާދުން" ގެ ތެލެގޫ ފިލްމު ޑައިރެކްޓްކުރަނީ މެރްލަޕާކާ ގާންދީ އެވެ. "އަންދާދުން" އަކީ އަޔޫޝްމަނަށް ލިބުނު އެވޯޑާ އެކު ތިން ނެޝަނަލް އެވޯޑް ހޯދި ފިލްމެކެވެ. އޭގެ ތެރޭގައި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑް ހިމެނެ އެވެ.