ފުރަތަމަ މެޗުން ޔުނައިޓެޑަށް ނާާކާމިޔާބު، އާސެނަލަށް ދެ ވަނަ މޮޅު
ފުރަތަމަ މެޗުން ޔުނައިޓެޑަށް ނާާކާމިޔާބު، އާސެނަލަށް ދެ ވަނަ މޮޅު

މެންޗެސްޓާ (ސެޕްޓެމްބަރު 20) – އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-1 އިން ބަލިވިއިރު އާސެނަލުން ދެ ވަނަ މެޗުން ވެސްޓް ހޭމް ޔުނައިޓެޑް 2-1 އިން ބަލިކޮށްފި އެވެ.

ވާދަވެރި އެހެން ޓީމުތަކާ ބަލާއިރު ޔުުނައިޓެޑުން އާ ސީޒަނަށް މާބޮޑު ހަރަދެއް ނުކުރާތީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި އޮއްވާ ފުރަތަމަ މެޗުން ބަލިވުމަކީ އެ ޓީމުގެ މެނޭޖްމަންޓް ހޭލަން ލިބުނު ފުރުސަތެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި އަންދްރެސް ޓޯސެންޑްގެ ގޯލުން ޕެލަސް ނެގި ލީޑު ފުޅާކުރީ 74 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވިލްފްރިއެޑް ޒަހާ ޕެނަލްޓީއަކުން ވައްދާލި ގޯލުންނެވެ. ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓަ ލިންދެލޯފް އަތުގައި ބޯޅަ ޖެހުނީ ކައިރިން، ބާރު ޝޮޓަކުން ކަމަށްވިޔަސް ވީއޭއާރް އިން ނިންމީ ޕެނަލްޓީއެއް ދޭން ޖެހޭ ކަމަށެވެ. ޕެނަލްޓީ ޖޯޑަން އަޔޫ ފޮނުވާލުމުން ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި ނަމަވެސް ރެފްރީ ނިންމީ ޑެހެއާ މާކުރިއަށް ނުކުމެ ހުރުމުން އަލުން ޖަހަން ޖެހޭ ކަމަށެވެ. މި ފަހަރު ޒަހާ އެ ޕެނަލްޓީ ކާމިޔާބުކުރީ އެވެ.

ޔުނައިޓެޑް މި ފަހަރު ގެނައި ހަމައެކަނި ކުޅުންތެރިޔާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އަރައި 80 ވަނަ މިނެޓުގައި އެ ޓީމަށް ތަފާތުކުޑަކޮށްދިނެވެ. އެކަމަކު ޒަހާ 85 ވަނަ މިނެޓުގައި ޕެލަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށް އަދި ލީގުގެ ފުރަތަމަ މެޗުން ފުލަމް 3-0 އިން ބަލިކުރި އާސެނަލް ދެ މެޗުން ދެ ވަނަ މޮޅު ހޯދައި މިވަނީ ފޯމް ދަމަހައްޓައިފަ އެެވެ. އެ ޓީމުގެ އެލެކްސެންޑާ ލަކަޒޭ 25 ވަނަ މިނެޓުގައި ކުރި ހޯދާފައިވަނިކޮށް 45 ވަނަ މިނެޓުގައި މިކައިލް އެންޓޯނިއޯ ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފަ އެވެ. އާސެނަލް މޮޅުވީ 85 ވަނަ މިނެޓުގައި އެޑްވަޑް ކެޓިއާ ޖެހި ގޯލުންނެވެ.

ރޭގެ އެހެން މެޗުތަކަށް ބަލާއިރު ކާލޯ އަންޗެލޮޓީގެ އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 5-2 އިން ވެސްޓް ބްރޮމްވިޗް އަލްބިއޮން އަތުން މޮޅުވެފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ގްރެޑީ ޑިއަންގަނާ، ވެސްޓް ބްރޮމް އަށް ކުރި ހޯދައިދީފައިވަނިކޮށް އެވަޓަން ވަނީ ޑޮމިނިކް ކަލްވާޓް-ލެވިން އާއި ހަމޭސް ރޮޑްރިގޭޒްގެ ލަނޑުތަކުން ފަހަތުން އަރައި ލީޑު ނަގައިފަ އެވެ. މިއީ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުގެ ކުރީގެ މިޑްފީލްޑަރު ރޮޑްރިގޭޒް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެސްޓް ބްރޮމްގެ ކިއެރަން ގިބްސް އަށް ރަތްކާޑެއް ދެއްްކި ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ މެތިއަސް ޕެރެއިރާ އެއްވަރުކުރި އެވެ. އެވަޓަން މޮޅުވީ މޮއިސް ކީީން ޖެހި ގޯލާއި ހެޓްރިކް ފުރިހަމަކުރަން ކަލްވާޓް-ލެވިން ޖެހި ދެ ގޯލާ އެކު އެވެ.

އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް ވަނީ ފުލަމް އަތުން 4-3 އިން މޮޅުވެފަ އެވެ. އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާ ކޯޗުކޮށްދޭ ލީޑްސް ފުރަތަމަ މެޗުން މި ނަތީޖާ އިން ލިވަޕޫލް އަތުން ބަލިވީ އެވެ. މާނައަކީ ފުރަތަމަ ދެ މެޗުން އެ ޓީމު ކޮޅަށް ހަތް ގޯލު ވަދެ ހަތް ގޯލް ކާމިޔާބުކުރުމެވެ.

ޕްރިމިއާ ލީގުގައި މިރޭ އޮންނާނެ އެންމެ ވަރުގަދަ މެޗަކީ ޗެމްޕިއަން ލިވަޕޫލް އާއި ޗެލްސީ ރާއްޖެ ގަޑުިން 8:30 ކުޅޭ މެޗެވެ.