20 ސެޕްޓެމްބަރ 2020 - 05:53

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މުޅި ދުނިޔޭގައި 30 މިލިއަނަށް އަރަފާއިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން މި ބަލި ފެނުނު ފަހުން މުޅި ދުނިޔެ އަށް ބަލި ފެތުރި 30 މިލިއަން ފަހަނަޅައި ދިޔައިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 940،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
މިހާތަނަށް 22 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލި ރަނގަޅުވެފަ އެވެ. އެހެންވެ، ބަލި ޖެހިފައި ތިބި ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ ހަތް މިލިއަނުގަ އެވެ.
މިހާރުގެ ހިސާބުތަކަށް ބަލާއިރު މި ބަލި އެންމެ ބޮޑަށް އޮތީ އެމެރިކާގަ އެވެ. ދެން އިންޑިއާ އާއި ބްރެޒިލްގަ އެވެ. އަދި މިހާރު ވަނީ ޔޫރަޕްގައި މި ބަލި އަލަށް ޖެހޭ މީހުންގެ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.
އުތުރު ހެމީސްފެޔާ ގައުމުތަކަށް ފިނި މީހުން ގާތްތަވަމުން އަންނަ އިރު އެ ސަރަހައްދަށް ނިސްބަތްވާ ގިނަ ގައުމުތަކުން ކޮވިޑްގެ ދެ ވަނަ ރާޅެއްގެ ނިޝާންތައް ފެންނަ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެމުންނެވެ.
ޔޫރަޕުން އިނގިރޭސި ވިލާތުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަން އަންނަނީ ވިސްނަމުންނެވެ. ޔޫރަޕްގެ ބޭރުން އިޒްރޭލުގައި ދެ ވަނަ ފަހަރަށް މިހާރު ވަނީ މުޅި ގައުމު ލޮކްޑައުންއަކަށް ގޮސްފަ އެވެ.
އެފްރިކާ ސަރަހައްދަށް ބަލާއިރު ރެކޯޑްކުރެވިފައިވަނީ މިލިއަނެއްހާ ކޭހެވެ. އެކަމަކު އެ ސަރަހައްދުގެ ގައުމުތަކުގައި ބައްޔަށް ޓެސްޓްކުރާ ރޭޓް ދަށްކަމުން ބަލީގެ ހާލަތު އޮތް މިންވަރު ޔަގީނެއް ނުވެ އެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އެންމެ ގިނައިން ފެނިފައިވާ އެމެރިކާގައި މިހާތަނަށް 6.6 މިލިއަން ކޭސް ރެކޯޑްކޮށްފައިވެ އެވެ. މީގެ ތެރެއިން 197،000 މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ޖުލައިމަހާ އަޅާބަލާއިރު ވަނީ ދަށްވާން ފަށައިފަ އެވެ.
އިންޑިއާ އަކީ މި ބަލި ދެ ވަނަ އަށް އެންމެ ބޮޑަށް އޮތް ގައުމު ކަމަށް ވާއިރު އެ ގައުމުގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. އިންޑިއާ އަކީ މިހާރު އެންމެ ބާރަށް ބަލި ފެތުރޭ ގައުމު ކަމަށް ބެލެވިފައި ވާއިރު ބައެއް ދުވަސްދުވަހު 90،000 އަށް ވުރެ ވެސް ގިނަ އާ ކޭސްތައް ފެނިފައިވެ އެވެ.