މިވަރުގެ ސަޕޯޓެއް ތަޖުރިބާއެއް ނުކުރަން: މޮރީނިއޯ
މިވަރުގެ ސަޕޯޓެއް ތަޖުރިބާއެއް ނުކުރަން: މޮރީނިއޯ

މެންޗެސްޓާ (އޮކްޓޯބަރު 28) - މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން އެ ޓީމަށް ކުރާ ވަރުގެ ސަޕޯޓެއް މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މި ހަފުތާގައި ޗެލްސީ އަތުން 4-0 އިން ބަލިވި ޔުނައިޓެޑް ވަނީ ލީގު ކަޕުގައި ބުދަ ދުވަހުގެރޭ ވާދަވެރި މެންޗެސްޓާ ސިޓީ 1-0 ބަލިކޮށްފަ އެވެ. މޮރީނިއޯ ބުނީ މާޔޫސްވާ ފަދަ ނަތީޖާއެއް ނުކުތް ނަމަވެސް ޖެހިގެން އައި މެޗުގައި ޔުނައިޓެޑުގެ ސަޕޯޓަރުން ދެއްކީ ފުރިހަމަ ސަޕޯޓެއް ކަމަށެވެ.

"ޗެލްސީ އަތުން އަހަރެން ބޮޑު ބައްޔެއްވީ. މި ކްލަބުގެ ތާރީހުގެ ތެރެއަށް ދިއުން ހައްގު އަދަދެއް ނޫން އެއީ. އެކަމަކު 4-0 އިން ބަލިވިއިރު ވެސް ސަޕޯޓަރުން ތިބީ ޓީމާ އެކު. އަދި ޖެހިގެން އައި ސިޓީ މެޗުގައި ދަނޑު ފުރާލި. ހަމައެކަނި މީހުން ވަދެ ދަނޑު ފުރާލީއެއް ނޫން. ހަގީގީ ސަޕޯޓުން ދަނޑު އޮތީ ފުރިފައި،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މިކަމުން ދައްކުވައިދެނީ ތަފާތު ބޮޑު ނަތީޖާއަކުން ލިބުނު މާޔޫސްކަމަށް ވުރެ، ސަޕޯޓަރުންގެ ހިތުގައި ކްލަބަށް އޮތް ލޯބި ބޮޑުކަން ކަމަށާއި އަދި ނާކާމިޔާބު ތިން ސީޒަނުން ލިބުނު ހިތްދަތިކަމަށް ވުރެ ވެސް ކްލަބް ދެކެ ވާ ލޯބި ބޮޑުކަން ކަމަށެވެ.

ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑާއި ޗެލްސީ އަދި އިންޓަ މިލާނަށް ކޯޗުކޮށްދީ މޮރީނިއޯ ވަނީ މީގެ ކުރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މޮރީނިއޯ އަކީ އަބަދުވެސް ސަޕޯޓަރުންގެ ލޯބި ހޯދާ ކޯޗެކެވެ. ހާއްސަކޮށް ޗެލްސީގެ ސަޕޯޓަރުންގެ ހިތުގައި އޭނާ އަށް ހާއްސަ ޖާގައެއް ވަނީ ދީފަ އެވެ.