20 ސެޕްޓެމްބަރ 2020 - 08:21

ސްމާޓްފޯނު އުފައްދާ ކުންފުނިތަކަށް، ފަތްޖެހޭ ފޯނު އުފެއްދުމުގެ ޓްރެންޑެއް އައިސްފައި ވަނިކޮށް، ދެކުނު ކޮރެއާގެ އެލްޖީން ވެސް މި ވަނީ "ތަފާތު" ފޯނެއް ދައްކާލައިފަ އެވެެ. "ވިންގް" ގެ ނަމުގައި ދައްކައިލި މި ފޯނަކީ "އެއް ފޯނުގެ މަތީގައި އަނެއް ފޯނު" އިންނަ ފޯނެކެވެ. އެއަށް ވުރެ ތިލަކޮށް މި ފޯން ސިފަކުރެވޭނީ ދެ ސްކްރީންލީ ފޯނެއްގެ ގޮތުގަ އެވެ. މީގެ އެންމެ ތަފާތު ކަމަކީ މަތީގައި އިންނަ ސްކްރީން 90 ޑިގްރީ އަށް އަނބުރައިލެވޭ ކަމެވެ.
"ވިންގް" މި މަހުގެ 14 ގައި ވަނީ ރަސްމީކޮށް ދައްކާލައިފަ އެވެ. އެކަމަކު އަދިވެސް ކަސްޓަމަރުން އެންމެ ބަލަން ބޭނުންވާނެ ފޯނާ ބެހޭ އަސާސީ ބައެއް މައުލޫމާތުތަކެއް ނުލިބެ އެވެ. އެހެން ވިޔަސް އަންނަ މަހުގެ ތެރޭގައި ދެކުނު ކޮރެއާގައި ނެރޭނެކަމުގެ އިޝާރާތެއް ދީފައިވެ އެވެ.
އޭގެ ފަހުން "ވިންގް" އުތުރު އެމެރިކާ އާއި ޔޫރަޕްގެ ކަސްޓަމަރުންނަށް ގެނެސްދޭނެ އެވެ. އެހެންވެ އަންނަ މަހަށް އިންތިޒާރުކުރަން އެދިފައިވެ އެވެ.
ޓެކް ދާއިރާގައި އުޅޭ ބައެއް މީހުން "ވިންގް" ރިވިއުކޮށް ބުނަމުން އަންނަނީ މިއީ އަނެއްކާ ވެސް ސްމާޓްފޯނު ގެންގުޅޭ މީހުންނަށް ތަފާތު ތަޖުރިބާތަކެއް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. މީގެ ވީޑިއޯތަކަށް ބަލާއިރު މިއީ އެއް ފަހަރާ އެކި ކަންކަން ކޮށްލެވޭނެ ފޯނެކެވެ. މިސާލަކަށް މަތީގައި އިންނަ ސްކްރީނުން ފިލްމެއް ބަލައިލުން ނުވަތަ ނޫހެއް ކިޔައިލުން ފަދަ ކަމެއްކުރާ އިރު އަނެއް ސްކްރީނުން ފޯނު ކޯލްތައް ނެގުމާއި ޗެޓްކުރުމާއި އެ ނޫން ވެސް ކަންކަން ކޮށްލެވޭނެ އެވެ.
"ވިންގް" ކަސްޓަމަރުންގެ އަތަށް އަރާނެ އިރެއް ކަށަވަރު ނުވާތީ މި ވަގުތަށް މިއީ ކަމުދާ ކަހަލަ އެއްޗެއްތޯ ބަލައިލަން މީގެ ވީޑިއޯތައް ބަލައިލާށެވެ. މީގެ ފީޗާތަކަށް ބަލާ އިރު 5ޖީ ވެސް ސަޕޯޓްކުރާ ފޯނުގައި އިން-ޑިސްޕްލޭ ފިންގަޕްރިންސްޓް ސެންސަ އާއި 8ޖީބީގެ ރޭމަކާއި 128/256 ޖީބީގެ ސްޓޯރޭޖް އިންނާނެ އެވެ. ފޯނުގައި ތިން ކެމެރާ އިންނާނެ އެވެ.
"ވިންގް" ގެ ބަރުދަނުގައި ހުންނާނީ 260 ގްރާމެވެ.