19 ސެޕްޓެމްބަރ 2020 - 06:56

މެންޗެސްޓާ (ސެޕްޓެމްބަރު 19) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން އާ ކުޅުންތެރިން ގެންނަން ކުރާ މަސައްކަތުގައި އެންމެ ބޭނުންވާ ކުރިއެރުންތައް ނުފެންނާތީ ސަޕޯޓަރުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިން ގަންނަން އެންމެ ބޮޑު އިންވެސްޓެއްކުރި ޔުނައިޓެޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ގެނެސްފައިވަނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް އެވެ. ޔުނައިޓެޑުން ބޮރޫޝިއާ ޑޯޓްމަންޑްގެ ޖޭޑަން ސަންޗޯ ހޯދަން އަދިވެސް މަސައްކަތްކުރަމުން އަންނައިރު، އޭނާ ނުލިބިއްޖެނަމަ އެ މަގާމަށް އެހެން ކުޅުންތެރިއަކު ކުރު އެއްބަސްވުމެއްގެ ދަށުން ގެނައުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ވާތު ބެކެއް ގެނައުމަކީ ވެސް ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކަނޑައަޅާފައިވާ ޓާގެޓެކެވެ. އެ މަގާމަށް ގެނައުން މިހާރު އެންމެ ގާތީ ޕޯޓޯގެ ބްރެޒިލް ކުޅުންތެރިޔާ އަލަކެސް ޓެލެސް އެވެ.
ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވާހަކަ ދެއްކި ބައެއް ކުޅުންތެރިން ވަނީ އެހެން ކްލަބްތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި އާސެނަލާ ގުޅުނު ބްރެޒިލް ޑިފެންޑަރު ގަބްރިއެލް، ލިވަޕޫލަށް ބަދަލުވި ތިއާގޯ އަލްކަންޓާރާ އަދި ޓޮޓެންހަމަށް ބަދަލުވާން އެއްބަސްވެފައިވާ ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ރެގީލޯން އާއި ގަރެތު ބޭލް ހިމެނެ އެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ކަންބޮޑުވުމަކީ ކުޅުންތެރިންނާ މަޝްވަރާ ކުރި ނަމަވެސް އެކަން ދިގުލައިގޮސް ކުޅުންތެރިން ނުލިބޭ މައްސަލަ އެވެ.
"އަހަންނަށް އެނގޭ ސަޕޯޓަރުން އަބަދުވެސް ބޭނުންވާނީ ރަނގަޅު މޮޅު ޓީމެއް ޔުނައިޓެޑްގައި އޮވެ ކުޅޭތަން ބަލަންކަން. ސަޕޯޓަރުންގެ ކަންބޮޑުވުންތައް ވެސް ރަނގަޅު. އޭގެން އަހަރެން ނަގަން ބޭނުންވާ ކަމަކީ އެ ޕޮޒިޓިވް ވިސްނުން. ޔުނައިޓެޑްގެ މޮޅު ޓީމުގެ ކުޅުން ދެއްކުން. އަހަރެމެން ވިސްނަންވީ މިހާރު މި އޮތް ޓީމަށް ފުރުސަތު ދީގެން އެއީ މޮޅު ޓީމަށް ހަދަން،" ސޯލްޝެއާ ބުންޏެވެ.
އަންނަ މަހު ފަހެއްގައި ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޓީމު ވަރުގަދަކުރަން ކުޅުންތެރިން ހޯދިޔަސް އެންމެ މުހިއްމު ކަމަކީ މިހާރު ފަށާފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުން ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
"ފާގަސަން ދިޔަ ފަހުން އެވްރެޖްކޮށް އަހަރެމެންގެ މަގާމަކީ ލީގުގެ ފަސް ވަނަ. އެކަމަކު މިދިޔަ އަހަރު ތިން ވަނަ. އެއީ ކުރިއެރުމެއް. ބްރޫނޯ (ފެނާންޑޭސް) މެގުއާ އާއި ބިސާކާ އައި ފަހުން އެންމެނަށް ފެނުނު ޓީމަށް ލިބުނު ކުރިއެރުން. އަހަރެން ބޭނުންވަނީ އޭގެ ބޭނުން ހިފައިގެން މިދިޔަ ސީޒަން ނިންމާލި ހިސާބުން އަލުން ފަށަން،" ސޯލްޝެއާ ބުންޏެވެ.
އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނަށް ޕްރީ ސީޒަންގެ ބްރޭކުގައި އެންމެ ރަނގަޅު ދުވަސްތަކެއް ހޭދަނުކުރެވުމަކީ ވެސް ސޯލްޝެއާ އަށް ކުރިމަތިވި ބޮލުގެ ރިހުމެކެވެ. އެގޮތުން ޓީމުގެ ކެޕްޓަން ހެރީ މެގުއާ މާރާމާރީގެ މައްސަލައެއްގައި ގްރީސްގެ މައިކޯނޯސްގެ ޖަލަށްލިއިރު، އިންގްލެންޑްގެ ގައުމީ ޓީމާ އެކު އައިސްލެންޑް މެޗަށް ގޮސް ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން ޓީމު ހޮޓަލަށް އަންހެން ކުދި ބަޔަކު ވެއްދި މައްސަލައިގައި ގްރީންވުޑާއި ފޯޑެން ވަނީ ޓީމުން ބޭރުކޮށްލައިފަ އެވެ. ސޯލްޝެއާ ބުނީ އެ މައްސަަލަތަކާ ގުޅިގެން މެގުއާ އާއި ގްރީންވުޑަށް ކްލަބްގެ ފަރާތުން އަންގަންޖެހޭ ކަންކަން އޮޅުންފިލުވައިދީފައިވާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އަމިއްލަަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ޕެލަސް ވަނީ ފުރަތަމަ މެޗުން ސައުތެމްޓަން އަތުން 1-0 އިން މޮޅުވެފަ އެވެ.