28 އޮކްޓޯބަރ 2016 - 01:11

ޕީޕީއެމްގެ މައި އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބަޔަކު މިރޭ ތަޅު އަޅުވައިފި އެވެ. އަދި އެ ޕާޓީގެ ނަމުގައި ނަގާފައިވާ ފޯނު ނަމްބަރުތަކުގެ ހިދުމަތް ވެސް ވަނީ ކަނޑާލައިފަ އެވެ.
ހ. ތެމާގައި ހުންނަ ޕީޕީއެމް އޮފީހުގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބާއްވަން އުޅުނު ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަހުގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅައި އެ ތަނުގައި ފޯރިމަރަމުން ދަނިކޮށް ތަޅު އެޅުވީ ސީދާ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
އެކަމަކު، މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުން ހިފައިގެން ގޮސް ތަޅު އެޅުވީ ރައީސް ޔާމީން ފެކްޝަނުގެ ތިން ބޭފުޅެކެވެ.
މައުމޫން ފެކްޝަނުގެ އޮފިޝަލަކު ވިދާޅުވީ އޮފީހުގައި ތަޅު އެޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ފުލުހުންނަށް ދެއްކުމަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ތަޅު އަޅުވައި ފޯނު ލައިންތައް ވެސް ކަނޑާލައިފި،" އޮފިޝަލް ވިދާޅުވި އެވެ.
ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ޒިންމާތައް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. މި ނިންމުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ ޕާޓީ ދޫކޮށްލައްވަން މައުމޫން ބޭނުންފުޅެއް ނުވެ އެވެ.
ޕީޕީއެމްގެ އަހަރީ ޖަލްސާ އަަށް ހުރަސް އެޅުމުން ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މައުމޫން ވަނީ ޕާޓީގެ އާއްމު މެމްބަރުންނަށް ޕާޓީ ތެރޭގައި އުފެދިފައިވާ މައްސަލަ ތަފްސީލްކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އަދި ސަރުކާރު ހިންގާ ގޮތާ މެދު ފާޑުވިދާޅުވެ، ރައީސް ޔާމީނަށް ކުރައްވާ ތާއީދު ވެސް މައުމޫން މިރޭ ވަނީ އަނބުރާ ގެންދަވައިފަ އެވެ.