ހޯޑެއްދޫން އިތުރު ދެ ކޭސް ފެނި ޖުމްލަ 44 އަށް
ހޯޑެއްދޫން އިތުރު ދެ ކޭސް ފެނި ޖުމްލަ 44 އަށް

ގދ. ހޯޑެއްދުއިން އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު އަދަދު 44 އަށް އަރައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހަކު މިދިޔަ މަހުގެ ކުރީކޮޅު ފެނުނު އެ ރަށުގައި މިހާރު ކޮމިއުނިޓީ ޓްރާންސްމިޝަނެއް އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅައިފަ އެވެ.

ހޯޑެއްދޫގެ ސިއްހީ މަރުކަޒުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބައްޔަށް ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން އެ ރަށުގައި މިހާރު ފަރުވާދެމުން އަންނަނީ 36 މީހަކަށެވެ. ގއ. ވިލިނގިލީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީގައި ދެ މީހަކު އެބަތިއްބެވެ.

މީގެ އިތުރަށް 32 ގެއެއްގައި މީހުން ކަރަންޓީން ކޮށްފައިވާއިރު، މުޅި ރަށުން މިހާތަނަށް 346 ސާމްޕަލް ނަގާފައިވާ ކަމަށް ސިއްހީ މަރުކަޒު ބުންޏެވެ.

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހުންނެވެ. އޭގެ ފަހުން އެ މީހުންނާ އާއިލީ ގުޅުން އޮންނަ އެހެން ބައެއްގެ ގައިން އަލާމާތްތައް ފެނިގެން ހެދި ޓެސްޓުތަކުން އެ މީހުން ވެސް ޕޮޒިޓިވްވީ އެވެ.

އެ ރަށުގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 100އަށް ވުރެ ގިނަ ކޮންޓެކްޓުން ފެނިފައިވާއިރު ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 1300 އެވެ.

ހޯޑެއްދޫން ކޮވިޑް-19 ފެނުމާ އެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޖެހިގެން އޮތް މަޑަވެލި ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. ކޯޒްވޭއަކުން ގުޅާފައި އޮންނަ އެ ދެ ރަށުގެ މީހުން އެކި ބޭނުންތަކަށް ދަތުރުކޮށް އުޅެ އެވެ. މަޑަވެލިން ވެސް ރެންޑަމް ސާމްޕަލްތަކެއް ނެގި އެވެ. އެކަމަކު އެ ރަށުން ޕޮޒިޓިވް ކޭހެއް އަދި ނުފެނެ އެވެ.