17 ސެޕްޓެމްބަރ 2020 - 22:38

އިއްޔެގެ ހަވީރު 6 އިން 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑް-19 އަށް 67 މީހަކު އަލަށް ޕޮޒިޓިވްވެ އަދި 130 މީހަކު ރަނގަޅުވުމުން ރާއްޖޭން މިހާތަނަށް މި ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް 84.6 ޕަސެންޓަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ހާމަކުރި ގޮތުގައި އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. އަދި މީގެ ތެރެއިން ފަސް މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.
ކޮވިޑް-19 އިން 130 މީހަކު މިއަދު ރަނގަޅު ވެފައިވާތީ އެ ބަލިން ރަނގަޅު މީހުންގެ އަދަދު މިހާރު ވަނީ 8،033 އަށް އަރައިފަ އެވެ. ބަލީގައި މިހާތަނަށް 33 މީހަކު މަރުވެ އެކްޓިވް ކޭސްތަކުގެ އަދަދު 1،428 އަށް ވަނީ ދަށްވެފަ އެވެ.
މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 104 އަށް ދަށްވެފަ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖޭން ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 419 އެވެ. މި މުއްދަތުގައި 700 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މުޅި ހަފުތާ އަށް ބަލާއިރު އެންމެ މަދުން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ހޯމަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވީ 59 އެވެ. އަދި 163 މީހަކު ރަނގަޅުވި އެވެ.