17 ސެޕްޓެމްބަރ 2020 - 16:47

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ކޮމެޓީން މިއަދު ސަސްޕެންޑް ކޮށްފި އެވެ.
ޝުއައިބު ސަސްޕެންޑްކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތުން އެ މަނިކުފާނާ މެދު ފިޔަވަޅު އަޅައިދޭން އެދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޝުއައިބު ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. ޝުއައިބު ސިޓީ ފޮނުއްވީ ފައްޔާޒް މަގާމުގެ އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެން ހަސަން ލަތީފަށް ނަޝީދު ސިޓީއެއް ފޮނުއްވުމުންނެވެ.
އެމްޑީޕީން ބުނީ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމެޓީގެ ނައިބު މުގައްރިރުކަމުންނާއި މެމްބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާ ކަމަށެވެ. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން އެމްޑީޕީން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ޝުއައިބު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ސަސްޕެންޑްކުރީ ނަޝީދާއި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ ކާޓޫނެއް ކުރެހި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ނަޝީދު އެދިވަޑައިގަތީ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިވެ ވަޑައިގަތުމަށެވެ. އެކަމާ ގުޅިގެން ނަޝީދަށް ފިޔަވަޅު އަޅައިދޭން ޝުއައިބު ސިޓީ ފޮނުއްވުމުން އެމްޑީޕީން ޝުއައިބަށް ޖަވާބު ދިނީ ނަޝީދުގެ ސިޓީ އަކީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވި ސިޓީއެއް ކަމަށާއި އެ ޕާޓީގެ އެންމެ އިސް ފަރާތަކީ ނަޝީދު ކަމަށެވެ.
ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ފައްޔާޒްގެ މަގާމު ދިފާއުކުރަން ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.