ސްވިޓްޒަލެންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ
ސްވިޓްޒަލެންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ

ސްވިޓްޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން މި މަހުގެ 26 ގައި ރާއްޖެ އަށް އަލުން ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެޑެލްވައިސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސްވިޓްޒަލެންޑުގެ ޒިއުރިކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރު ބާއްވާނެ ކަމަށެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުންނެވެ.

އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓްރިކް ހޭމަން ވިދާޅުވީ ރާއްޖެއަކީ މިވަގުތު އެހެން މީހުންނާ ވަކިން ތިބެ ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލް ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށްފަ އެވެ.

ސްވިޓްޒަލެންޑަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 33،829 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ފަހުން އަލުން ހުޅުވާލީ ޖުލައި 15 ގަ އެވެ.