މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކޮށްފި
މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާއަށް ބަންދުކޮށްފި

މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން އަންނަ މަހުގެ އެއް ދުވަހާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ދެ ހަފުތާ ފަހުން މުރާޖައާކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އެކަމަކު، ކޮވިޑުގެ ކޭސްތައް އަލުން އިތުރުވާން ފެށުމާ އެކު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް މިދިޔަ މަހުގެ 9 އިން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ތިން މަހަށްފަހު ސްކޫލުތައް ހުޅުވައި މާލެ ސަރަހައްދުގައި އޭރު ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ކުރިއްސުރެ ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެ އެވެ.

ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް ނެތް ކަމަށް އެޗްޕީއޭ އިން ކުރިން ބުންޏަސް ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި މަރުވާ މީހުންގެ ރޭޓް މަތިވެފައި ވެ އެވެ. ކޮވިޑް ޖެހުނު މީހުންގެ އަދަދު 9،000 އިން މައްޗަށް އަރައި އެ ބަލީގައި 33 މީހުން މަރުވެފައި ވެ އެވެ. އެކަމަކު ކުރިއަށްވުރެ، މިހާރު އެ ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައި ވެ އެވެ.