17 ސެޕްޓެމްބަރ 2020 - 10:08

އެމެރިކާގެ ބައެއް ހިސާބުތައް އަނދަމުން ދާ އިރު، އަނެއް ބައި ހިސާބުތަކަށް ބޮޑެތި ތޫފާންތަކާ ކުރިމަތިވެ، އާދަޔާ ހިލާފަށް ފެން ބޮޑުވެއްޖެ އެވެ.

ފްލޮރިޑާ އާއި އަލަބާމާއަށް ހަރިކޭން ސަލީގެ ސަބަބުން ވަރަށް ބޯކޮށް ވާރޭވެހި، ކަރަންޓް ކެނޑުން ފަދަ ކަންކަމާ ހެދި މިހާތަނަށް ބައި މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ބައެއް އޮފިޝަލުން ބުނާ ގޮތުގައި ހަތަރު މަސް ދުވަހުގެ ވާރޭ ވެހިގަތީ "އެންމެ ހަތަރު ގަޑިއިރުގެ ތެރޭގަ" އެވެ.
ހަރިކޭންގެ ބާރު މިހާރު ކެނޑިފައި ވިޔަސް، ބޯކޮށް ވާރޭވެހުން ކުރިއަށް ދާނެ ކަމަށް، މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.
ސަލީ އަކީ އެޓްލާންޓިކް އޯޝަންގައި މި އަހަރު އުފެދުނު ވަރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާނެވެ. ކުރިން ނަމަ މިވަރުގެ ތޫފާން އުފެދެނީ ވަރަށް މަދުންނެވެ. އެކަމަކު ހާއްސަ ނަން ދޭން ޖެހޭ ފަދަ ބޮޑެތި ތޫފާންތައް ގިނަވުމުން، ދޭނެ ނަންތައް ވެސް މިހާރު ވަނީ ހުސްވުމަކާ ކައިރިވެފަ އެވެ.
ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ތޫފާންތައް ގިނަވުމާއި ޖަންގަލިތަކުގައި ރޯވެ އެނދުމުގެ ހާދިސާތައް އާދިޔާ ހިލާފަށް އެމެރިކާގައި ބޮޑުވެގެން އުޅެނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އެކަމަކު ސައިންސްވެރިންގެ އެ ވާހަކަ ގަބޫލުނުކުރެއްވުމުގެ އާދަ ގެންގުޅުއްވާ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހަރު ވެސް ވާހަކަ ދައްކަވަނީ ސައިންސްގެ ހޯދުންތަކާ ދެކޮޅަށެވެ.
ސަލީގެ ބޯ ވިއްސާރައާ ކުރިމަތިވި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވިލެއް ބޮޑުކަމުން، އިންޗީގެ ބަދަލުގައި ބޭނުންކުރަނީ ވެސް ފޫޓެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ފަސް ފޫޓު ބަޔަށް ފެން ބޮޑުވި އެވެ. ވެހިކަލްތައް ވަނީ ފެނު އަޑީގަ އެވެ.
ލިބިފައިވާ ގެއްލުންތައް ބަލަން ނަމަވެސް ގެއިން ބޭރަށް ނުނިކުންނަން އާންމުންނަށް ދަނީ އަންގަމުންނެވެ.
ފްލޮރިޑާ އާއި އަލަބާމާ ގުޅޭ ސަރަހައްދުގައި މީހުންނަށް ނުރައްކަލަކަށް ވާ ވަރަށް ހާލަތު ގޯސް ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.
އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށް ވާ ކެލިފޯނީއާގެ ޖަންގަލި މިހާރު ވެސް ދަނީ އަނދަމުންނެވެ. އަދި ކެލިފޯނިއާއާ ޖެހިގެން އޮތް ބައެއް ސްޓޭޓްތަކުގައި ވެސް، އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ލިބިއްޖެ އެވެ.