17 ސެޕްޓެމްބަރ 2020 - 07:08

ސްރީ ލަންކާ ބޭރުގައި އޮއްވައި އަލިފާން ރޯވި ބިޔަ ތެޔޮ ޓޭންކަރު، އެމްޓީ ނިއު ޑަޔަމަންޑުން ބަދަލުގެ ގޮތުގައި 340 މިލިއަން ރުޕީސް (1.8 މިިލިއަން ޑޮލަރު) ހޯދަން ސްރީ ލަންކާ ސަރުކާރުން ހުށަހަޅައިފި އެވެ.
މި މަހު ކުރީކޮޅު ދެ މިލިއަން ފީފާގެ ތެލާ އެކު ރޯވި ޓޭންކަރު ސަލާމަތްކުރުމަށް ލަންކާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނާއި ޕޯޓް އޮތޯރިޓީންނާއި ޑޮކްޔާޑުންނާއި މެރިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީންނާއި ކޯސްޓް ކޮންޒަވޭޝަން ޑިޕާޓްމަންޓުން މަސައްކަތްކުރި އެވެ.
ލަންކާގެ އެޓާނީ ޖެނެރަލް ޑަޕޫލާ ޑި ސިލްވާގެ ކޯޑިނޭޓިން އޮފިސަ ސްޓޭޓް ކައުންސެލް ނިޝާރާ ޖަޔަރަތުނަ ވިދާޅުވީ ޓޭންކަރުގެ ވެރިންގެ ފަރާތުން ބަދަލުގެ ގޮތުގައި ހޯދަން ސަރުކާރުން ހުށަހަޅާ އަދަދަކީ މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ހިނގި ހަރަދު ކަމަށެވެ.
ޖަޔަރަތުނަ ވިދާޅުވީ ހަފުތާއެއްހާ ދުވަހުން ނިއްވާލެވުނު އުޅަނދުގެ ސަބަބުން ލިބުނު ގެއްލުމުގެ ސީދާ އަދަދެއް އެނގޭނީ މިހާރު ލަންކާ ސަރަހައްދުގައި އޮތް އެ އުޅަނދު ލަންކާ ސަރަހައްދުން ބޭރަށް ނެރެވުމުން ކަމަށެވެ.
މަދަނީ ބަދަލު ހޯދަން މަސައްކަތް ފަށާފައި ވާއިރު އުޅަނދުގެ ކެޕްޓަނުގެ މައްޗަށް ޖިނާއީ ތަހުގީގެއް ތަހުގީގެއް ހިންގައި އެކަމުގެ ރިޕޯޓް ކޯޓަށް ހުށަހަޅަން ވެސް އެޓާނީ ޖެނަރަލް ވަނީ އަންގަވައިފަ އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ޓޭންކަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިލިޕިންސް ފަޅުވެރިޔަކު ވަނީ މަރުވެފަ އެވެ. ދެން ތިބި 22 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީކް މީހުންގެ އިތުރުން ފިލިޕިންސް 17 މީހެކެވެ. ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލި އިރު އޭގެ ސްޓޮރޭޖުން ތެޔޮ ލީކު ނުވެ، ތިމާވެށީގެ ކާރިސާއަކުން ސަލާމަތްކުރަން ލަންކާގެ އިތުރުން އިންޑިއާ ސިފައިން ވެސް މަސައްކަތްކުރި އެވެ.