ނަޖިހުން "ކުނިވި" ޒިކުރާ މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި
ނަޖިހުން "ކުނިވި" ޒިކުރާ މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި

ޒިކުރާ މިސްކިތް ވަގުތީ ގޮތުން އިއްޔެ ބަންދުކޮށްފި އެވެ.

އެ މިސްކިތުގެ ފާހާނާ ތެރެއިން ނަޖިސް މައްޗަށް އަރައި މުޅި ފާހާނާ ތެރެ އަށް ފެތުރުމާ ގުޅިގެން ނަމާދު ކުރާ މިސްކިތާއި މުޅި އެ ސަރަހައްދަށް ނަޖިހުގެ ވަސް ފެތުރި އާންމުންނަށް ބޮޑު އުނދަގުލަކާ ކުރިމަތިވި އެވެ. އެކަން ބޮޑުވެ، ފަސް ދުވަސް ވީ އިރު ވެސް ސާފު ނުކުރުމާ ގުޅިގެން ބައެއް މީހުން އެ މިސްކިތަށް ނަމާދަށް އެރުން ވެސް ހުއްޓާލާފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީން ވަނީ ނަޖިސް ފެތުރުނު ފާހާނާ ސާފުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ވިދާޅުވީ ޒިކުރާ މިސްކިތް ބަންދުކުރީ އިތުރަށް ސާފުކުރުމަށް ކަމަށެވެ. ނަމަވެސް އަލުން އެ މިސްކިތް ހުޅުވާނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހާނާ އިން ނަޖިސް ބޭރުވާން ފެށުމުން އެ މައްސަލަ ހައްލުކުރަން މިސްކިތުގެ މުވައްޒަފުންތަކެއް އަމިއްލަ ގޮތުން މަސައްކަތް ކުރިޔަސް، އެކަން ނުކުރެވުނީ އިސްލާމިކް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށް ވެ އެވެ.