16 ސެޕްޓެމްބަރ 2020 - 12:29

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ޒުބައިރާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ބަލަން މިދިޔަ ހަަފުތާގައި ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އެތައް މަހެއް ކުރިން ހުށަހަޅާފައި އޮތް މި މައްސަލަ ބަލަން ފެށީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވުމަށް ޒުބައިރު ނިންމަވައި ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅުއްވުމާ އެކުގައި ކަމަށް ވަނީ އެނގިފަ އެވެ.
ކުރިން ޑްރަގް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު ސިވިލް ކޯޓަށް 2015 ވަނަ އަހަރު ބަދަލުކުރި ގާޒީ ޒުބައިރަކީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަންގައި މަސައްކަތް ކުރައްވާ ގާޒީ އެވެ.