16 ސެޕްޓެމްބަރ 2020 - 12:30

ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މައްސަލަތައް ޖުލައި މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ ޖުމްލަ 184 މައްސަލަ އެވެ. ޖުލައި މަހު ހުށަހަޅާފައި ވަނީ 170 މައްސަލަ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެއީ 103 މައްސަލަ އެވެ. ޖުލައި މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންގެ މައްސަލައަށްވީ ނަމަވެސް އެ މަހާ އަޅާ ބަލާއިރު މިދިޔަ މަހު ހުށަހެޅި މި ބާއްވަތުގެ މައްސަލަތައް ވަނީ 10 ކޭސް އިތުރުވެފަ އެވެ.
އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ 36 މައްސަލައަކާއި، އިހުމާލުގެ 24 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައެއްގެ އިތުރަށް ނަފްސާނީ ހާނިއްކައިގެ އަށް މައްސަލައަކާއި، ފުރައްސާރައުގެ ފަސް މައްސަލައެއް އަދި ގެވެށި އަނިޔާގެ މަންޒަރު ދެއްކުން ނުވާތަ ފެނުމުގެ ހަތް މައްސަލައަކާއި އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލައެއް ހިމެނެ އެވެ.
މީގެ އިތުރަށް ކުޑަ ކުދިންގެ އަހުލާގާ ގުޅުންހުރި މައްސަލަތަށް ވަނީ ތިން ގުނަ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައަކާއި މާރާމާރީގެ މައްސަލައެއް ހިމެނެއެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ ދެމައްސަލަވެސް ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެއެވެ.
ޖުލައި މަހާ އަޅާ ބަލާއިރު އާއިލީ މައްސަލަތައް ހުށަހަޅާފައިވާ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ޖުލައި މަހު 19 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ މަހު ހުށަހަޅާފައި ވަނީ 16 މައްސަލަ އެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމާ ގުޅުންހުރި 5 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.