އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރުމުގެ ކުރިން ލީކުކޮށްލައިފި
އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރުމުގެ ކުރިން ލީކުކޮށްލައިފި

އަމިއްލައަށް މާމޮޅު ކްރިޓިކްސް އަދި އެކްޓަރަކަށް ހެދިގެން އުޅޭ ކަމާލް އާރް ޚާން ކިޔާ މީހަކު ޕައިރަސީ ގާނޫނާ ވެސް ޚިލާފަށް، އަޖޭ ދޭވްގަންގެ "ޝިވާއޭ" ރަސްމީކޮށް ރިލީޒްކުރުމުގެ 48 ގަޑިއިރު ކުރިން އޮންލައިންކޮށް ލީކު ކޮށްލައިފި އެވެ.

އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރުމުގެ ކުރިން ލީކުކޮށްލައިފި
އަޖޭ ދޭވްގަންގެ "ޝިވާއޭ" ރިލީޒްކުރުމުގެ ކުރިން ލީކުކޮށްލައިފި

ކަމާލް ޚާން ވަނީ "ޝިވާއޭ"ގެ ފެށޭ މަންޒަރު އޭނާގެ ޓުވިޓާ އެކައުންޓުން ފޮނުވާފަ އެވެ. އެއީ "ޝިވާއޭ"ގެ ފުރަތަމަ މަންޒަރުކަމަށް އޭނާ މި ވީޑިއޯގެ ތިރީގައި ލިޔެފައިވެ އެވެ. ނަމަވެސް ފަހުން މި ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން އެނގިގެން އޭނާ ވަނީ އަވަހަށް އެ ޓުވީޓް ފޮހެލާފަ އެވެ. ނަމަވެސް އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުން އޭރު އެ ޓުވީޓްގެ ފޮޓޯ ނަގާފައިވާ ކަމަށް އެ ނޫސްތަކުން ބުނެފައިވެ އެވެ.

މި އަމަލުގެ ސަބަބުން "ޝިވާއޭ" އުފެއްދި ފަރާތަށް ކަމާލް ޚާނާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އެބައޮތެވެ. ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ރިލައަންސް އެންޓަޓައިންމަންޓުން މިހާރުވެސް ވަނީ މިކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން އިއުލާންކޮށްފަ އެވެ.

ރިލައަންސް އެންޓަޓައިންމަންޓްގެ ސީއޯއޯ ޝިބާސިޝް ސަރްކާރް ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ކަމާލް ޚާނަށް ފިލްމު ލީކު ކޮށްލެވޭގޮތްވީ މެދުއިރުމަތީގެ ގައުމުތަކުގައި ފިލްމު އަޅުވަނީ އިންޑިއާގައި އެޅުވުމުގެ އެއް ދުވަސް ކުރިން ކަމަށް ވެފައި، ކަމާލް ޚާން ޑުބާއީގެ ސިނަމާއަކަށް ފިލްމުބަލަން ވަދެ އިނދެގެން ވަގަށް ފިލްމު ރެކޯޑް ކޮށްގެން ކަމަށެވެ. އަދި މިހާރު މުމްބައިގެ ސައިބާ ކްރައިމް އަށް ކަމާލް ޚާނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ސަރްކާރް ބުންޏެވެ.

"އަހަރެމެން މިހާރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ޓުވިޓާ، ފޭސްބުކް، ޔޫޓިއުބު ފަދަ ނެޓްވާކްތަކަށް މި މައްސަލަ ހުށަހަޅައި ލީކުކޮށްލާފައިވާ ފިލްމުގެ މަންޒަރުތައް ދައްކައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަން ވާނީ އަންގާފައި،" ސަރްކާރް ބުންޏެވެ.

"ޝިވާއޭ"ގެ ޕްރޮޑިއުސަރުންނަށް މިހާރު ކަމާލް ޚާން އެ ފިލްމު ރެކޯޑްކުރިކަމުގެ ހެކިވެސް ވަނީ ލިބިފަ އެވެ. އަދި އެ ވީޑިއޯތަކުގެ ސްކްރީން ޝޮޓް ވެސް އެމީހުންގެ އަތުގައި އެބަހުއްޓެވެ. އެހެންކަމުން އޭނާ ސިނަމާ ހޯލްގައި ފިލްމު ބަލަން އިނދެގެން ވަގަށް އެ ފިލްމު ރެކޯޑްކޮށް ވަގުތުން ސޯޝަލް މީޑިއާ އަށް ފޮނުވަމުން ދިޔައީކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. އަދި ހޯދި ހޯދުމުން އޭނާ ފިލްމު ބަލަން އިނީ ޑުބާއީގެ ސިނަމާއެއްގައި ކަމުގެ ހެކިތައް ވެސް ވަނީ ލިބިފަ އެވެ.

ސަރްކާރް ބުނި ގޮތުގައި ކަމާލް ޚާން ފިލްމު ރެކޯޑްކުރި ޑުބާއީގެ ސިނަމާ ހޯލާ ދެކޮޅަށް ވެސް އެމީހުން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ އެވެ. ސަބަބަކީ ފިލްމު ބަލަން ވަންނަ މީހުން އެ ފިލްމު ރެކޯޑް ކުރޭތޯ ބެލުމަކީ ސިނަމާގެ ވެރިންގެ ޒިންމާއަކަށް ވާތީ އެވެ.

"ޝިވާއޭ" ލީކުވުމުގެ ސަބަބުން ކަންބޮޑުވެފައި ހުރި ސަރްކާރް ބުނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މިފަދަ އަމަލުތައް ހިންގާ މީހުން ތިބެނީ ޖަލުގައި ކަމަށެވެ. އެހެންކަމުން ކަމާލް ޚާން އަށް ވެސް ހަރުކަށި އަދަބު ދޭން އެމީހުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

އޭނާ ބުނި ގޮތުގައި ފިލްމެއް ތައްޔާރުކުރަނީ އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުންނެވެ. އަދި އެ ފިލްމަކަށް އިންވެސްޓްކުރާ މީހުން އެތައް ބައިވަރު ފައިސާއެއް ފިލްމަށް ޚަރަދު ކުރެ އެވެ. "ޝިވާއޭ" އަށް ވެސް ޕްރޮމޯޝަން ޚަރަދުތަކާއެކު 105 ކްރޯޑު (1050 މިލިއަން ރުޕީސް) ޚަރަދުވެފައިވެ އެވެ.

ކަމާލް އާރް. ޚާނާއި އަޖޭ ދޭވްގަންގެ ހަނގުރާމަ ފެށީގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. އެންމެ ފުރަތަމަ ކަމާލް ޚާން ކުރަން ފެށި ކަމަކީ "އޭ ދިލް ހެ މުޝްކިލް"ގެ މޮޅު ވާހަކައާއި "ޝިވާއޭ"ގެ ކަމުނުދާ ވާހަކަތައް ސޯޝަލް މީޑީއާގައި ދައްކަން ފެށީ އެވެ.

އެކަމާ ރުޅިގަދަވެގެން އަޖޭ ވަނީ ކަމާލް ޚާން ދެއްކި ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯ އެއް ލީކުކޮށްލާފަ އެވެ. އެ ވީޑިއޯގައި ކަމާލް ޚާން ބުނަނީ "ޝިވާއޭ"އާ ބެހޭ ގޮތުން ގޯސް ވާހަކަތައް ދައްކަން ކަރަން ޖޯހަރް އޭނާއަށް ރިޝްވަތު ދީފައިވާ ކަމަށެވެ.

އޭގެ ފަހުން ޓުވިޓާގައި ކަމާލް ޚާނާއި އަޖޭ ގެ ހަނގުރާމަ އޮތީ ވަރަށް ގަދަވެފަ އެވެ.