15 ސެޕްޓެމްބަރ 2020 - 15:24

އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކުރިޔަސް، ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އިންޑިއާގެ ފިޔާ ގެނެވޭނެ ކަމަށް، އިންޑިއާގެ އެމްބަސީން މިއަދު ބުނެފި އެވެ.
އެމްބަސީން ބުނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިންޑިއާއިން މެދުނުކެނޑި ލިބޭނެ ކަމަށެވެ.
އިންޑިއާއަށް ކުރަމުން ދާ ވިއްސާރައިގެ ސަބަބުން ފިޔާ ލިބުން ދަތިވެފައިވާތީ ފިޔާ އެކްސްޕޯޓު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެކަމަކު އެމްބަސީން ބުނީ ޓުޓިކޮރިން އާއި ކޮޗިން އިން މެދުނުކެނޑި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.
އެމްބަސީން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ހާލަތުގެ ގޮތުން ބައެއް ތަކެތީގެ އެކްސްޕޯޓް މަނާކުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ އެކްސްޕޯޓް މެދުނުކެނޑި ކުރިއަށް ދާނެ އެވެ.
މިދިޔަ މަހުގެ 13 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖޭޝަންކަރް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ ޔަގީންކަން ދެއްވައިފަ އެވެ.
އެ ގައުމުން ރާއްޖެއަށް އެކްސްޕޯޓް ކުރާ ފިޔާ، އަލުވި، ހަނޑޫ، ގޮދަން ފުށް، މުގު އަދި ބިސް ފަދަ ތަކެތީގެ ކޯޓާ ވަނީ އިތުރުކޮށްދީފަ އެވެ. އެގޮތުން މި އަހަރުގެ ފިޔާގެ ކޯޓާ 29،605 މެޓްރިކް ޓަނަށް އިތުރުކުރުމަކީ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓު މަތިވުމެކެވެ.
މި މަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ވެސް އިންޑިއާއިން ރާއްޖެއަށް ތަކެތި އެތެރެކުރަން ލުއިވާނެ ކަމަށް އެމްބަސީން ބުންޏެވެ. މި ފެރީ އެންމެ ފުރަތަމަ ބަނދަރު ކުރާނީ މި މަހުގެ 26 ގައި ކުޅުދުއްފުށީ ޕޯޓަށެވެ.