15 ސެޕްޓެމްބަރ 2020 - 12:25

ރާއްޖޭގައި ހުންނަ އެމްބަސީތައް އެޅުމަށްޓަކައި ހުޅުމާލެ އިން 428 މިލިއަން ރުފިޔާގެ ބިން ސަރުކާރުން ގަނެފި އެވެ.
ހުޅުމާލޭގެ ޑިޕްލޮމެޓިކް އެންކްލޭވް ޒޯނުން 199،000 އަކަފޫޓްގެ ބިން 428 މިލިއަން ރުފިޔާ އަށް ސަރުކާރުން ގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުންނެވެ. ފިނޭންސް މިނިސްޓްރީން އެޗްޑީސީ އަށް ފައިސާ ދެއްކުމުން، އެ ބިން ސަރުކާރަށް މިލްކު ވެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމައިފަ އެވެ.
އެމްބަސީތަކަށް ހުޅުމާލެ އިން ބިން ދޫކުރަން ސަރުކާރުން ނިންމައި، ބައެއް ގައުމުތަކަށް ކުރިން ވަނީ ބިން ދޫކޮށްފަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޗައިނާގެ އިތުރުން ޕާކިސްތާނަށެވެ. އެ ގައުމުތަކަށް ބިން ދޫކުރަނީ އެ ގައުމުތަކުން ވެސް ރާއްޖެ އަށް އެމްބަސީ އަޅަން ބިން ދޫކުރަން އެއްބަސްވުމުންނެވެ.
އެމްބަސީތައް އަޅަން މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވެ އެވެ.