14 ސެޕްޓެމްބަރ 2020 - 21:09

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުގެ ގާނޫނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިއުޓްގެ ކައުންސިލް މެމްބަރުން މިއަދު އައްޔަންކޮށްފި އެވެ.
އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލް މެމްބަރުން އައްޔަން ކުރެއްވީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތެވެ. އެ ކައުންސިލްގައި އޭނާ ހިމެނިވަޑައިގަންނަވާ ގޮތުން ނުވަ މެމްބަރުން އެބަތިއްބެވި އެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އޮޑިޓް އޮފީހުގެ ބޭފުޅުންނާއި އެކައުންޓެންސީ ޕްރޮފެޝަންގެ ބޭފުޅުންނެވެ.
- ކްރޯވް މޯލްޑިވްސްގެ އޮޑިޓް ޕާޓްނަރު ހަސަން މުހައްމަދު
- ޕްރޫޑަންޓް ޗާޓަޑްގެ މެނޭޖިން ޕާޓްނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- އެފްޖޭއެސް އެސޯސިއޭޓްސްގެ މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފް
- މެރިއަޓް އިންޓަނޭޝަނަލްގެ ކޮމްޕްލެކްސް ޑިރެކްޓަ އޮފް ފިނޭންސް މާލިކް މުހައްމަދު
- އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒް
- ޑިރެކްޓާ އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް އެންޑް ސްޓެޗުޓަރީ ބޮޑީސް އޮޑިޓް، ޗީފް އިންޓާނަލް އޮޑިޓާ އިބްރާހިމް ފަޒީލް
- ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް
- ފައިނޭންޝިއަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ
މިއީ، ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިއުޓް އުފެދުމާ ގުޅިގެން އައްޔަން ކޮށްފައިވާ އިންތިގާލީ ކައުންސިލެކެވެ. މި އިންސްޓްޓިއުޓް އުފެދޭތާ ފުރަތަމަ ހަތަރު އަހަރު ހިންގުމުގެ މަސައްކަތް ކުރާނީ މި ކައުންސިލުންނެވެ.
ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިއުޓަށް ކައުންސިލް މެމްބަރުން އައްޔަން ކުރިޔަސް އާންމު މެމްބަރުން ގުޅެން ފަށާނީ އަދި ފަހުގެ ތާރީޚެއްގަ އެވެ.
ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއެރުވުމަށް އުފައްދާފައިވާ މި އިންސްޓްޓިއުޓް ހިންގާ ބެލެހެއްޓުމެވެ. މީގެ ތެރޭގައި ކައުންސިލް ހިންގާ ގަވާއިދު ތައްޔާރު ކުރުމާއި، ކޮމިޓީތައް އެކުލަވާލުމާއި، އިންސްޓްޓިއުޓްގެ ރަޖިސްޓްރީ ބަލަހައްޓައި އެ ފަރާތްތަކުގެ ގިންތި ކަނޑައެޅުމާއި ޕްރައިވެޓް ސެކްޓާގެ އެކައުންޓިން އަދި އޮޑިޓިން ސްޓޭންޑަޑްތައް އެކުލަވައިލުން ހިމެނެ އެވެ.
އިންތިގާލީ މަރުހަލާއަށްފަހު ދެން ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރާނީ އިންސްޓްޓިއުޓްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.