28 އޮކްޓޯބަރ 2016 - 06:10

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކަންދްލާ ރީޖަންގެ ޝަމްލީ ޑިސްޓްރިކްޓްގައި 12 އަހަރު ކުއްޖަކު ޗަކަ ބިމެއްގައި ވަޅުލައިފި އެވެ. ކުއްޖާ ކަރަންޓުގައި ޖެހުމާ ގުޅިގެން އޭނާ ވަޅުލާފައި ހުރީ ނޭވާ ލެވޭ ގޮތަށް މޫނުން ބައެއް ބިމުން މައްޗަށް ހުންނަ ގޮތަށެވެ.
އެ ކުއްޖާގެ އާއިލާގެ މެމްބަރަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި ކުއްޖާގެ ގަޔަށް ކަރަންޓް ޝޮކް އައީ ޝައިތާނެއްގެ ބާރުގައި ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. އެހެންކަމުން ޝައިތާނާގެ ބާރު ވެލިގަނޑަށް ދުއްވާލަން ކުއްޖާ ވަޅުލީ ކަމަށް އެމީހާ ބުންޏެވެ.
ކުއްޖާ ވަޅުލާފައި ބެހެއްޓުމުން އޭނާގެ ހާލަތު މާބޮޑަށް ގޯސްވާން ފެށުމުން އެހިސާބުގަނޑުގެ މީހުން އެއްވެ ކުއްޖާ ނަގައިގެން ހެލްތު ސެންޓަރަކަށް ގެންދިޔައިރު ކަރަންޓްގައި ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ކަނާއަތާއި ފައިގެ 90 ޕަސެންޓް އޮތީ ފިހިފަ އެވެ.
މުސްކާން ނަމަކަށް ކިޔާ 12 އަހަރުގެ މި ކުއްޖާ ކަރަންޓުގައި ޖެހުނީ ފުރާޅުމަތީގައި ކުޅެން އުޅެނިކޮށް އެގޭ މަތިން ދަމާފައި އޮތް ކަރަންޓު ނަރެއްގައި ޖެހިގެންނެވެ. މި ކުއްޖާ ނަރުގައި ޖެހުމާ އެކު ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނެވެ. އަދި ކުއްޖާ އޮތީ ވިއްސައިގެން ގޮސް ފުރާޅުމަތިން ވެއްޓި ބިންމަތީގައި ހޭނެތިފަ އެވެ.
މި ކުއްޖާ ކަރަންޓުގައި ޖެހުމުގެ ސަބަބުން، އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން ވަނީ ކަރަންޓު ދޫކުރާ އޮފީހަށް ގޮސް ގޭގޭ މަތިން ދަމާފައިވާ ކަރަންޓް ކޭބަލްތައް އެހެން ގޮތަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ.