14 ސެޕްޓެމްބަރ 2020 - 17:36

ރާއްޖެ އިން އުމްރާ އަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ދީފައިވާ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހުއްދަ ދީފައި ވަނީ ދެ އަހަރުގެ މުއްދަތަކަށެވެ. މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިއުމަށް ދީފައިވާ ހުއްދަތައް އިތުރުކޮށްފައި ވަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ.
މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ ކުރިން ދީފައިވާ މުއްދަތުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމަށް ރަނގަޅު ފުރުސަތެއް ލިބިފައި ނުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ކޮވިޑް-19ގެ ސަބަބުން މިއަހަރުގެ އުމްރާ ދަތުރުތަކުގެ އިތުރަށް ހައްޖަށް ވެސް މީހުން ނުގެންދެވުނެވެ.
ރޯދަ މަހުގެ އުމްރާ މި އަހަރު ކެންސަލްވުމުން ކުންފުނިތަކުން ވަނީ އަނބުރާ ފައިސާ ވެސް ދޫކޮށްފަ އެވެ.
އުމްރާ އަށް ކޮންމެ އަހަރަކު ވެސް ރާއްޖޭން ގިނަ ބަޔަކު ސައުދީއަށް ދެ އެވެ. މި އަހަރު ވެސް ރޯދަ މަހުގެ އުމްރާ އަށް ދިއުމަށް ގިނަ ޖަމާއަތްތަކަށް މީހުން ވަނީ ފައިސާ ދެއްކި އެވެ. އެގޮތުން މީހަކަށް 36،000 ރުފިޔާ އާއި 39،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދެއްކި އެވެ.