15 ސެޕްޓެމްބަރ 2020 - 07:58

މީގެ ހަތަރު އަހަރު ކުރިން ޖަޕާނުގެ ސޮފްޓްބޭންކުން ގަނެފައިވާ އަދި އިނގިރޭސިވިލާތުގައި ހެޑްކުއާޓަރު ހުންނަ އާމް ލިމިޓެޑް، ގްރެފިކް ޗިފް އުފައްދާ އެމެރިކާގެ ކުންފުނި އެމްވީޑިއާ އަށް ވިއްކައިލަނީ 40 ބިލިއަން ޑޮލަރަށް ކަމަށް ބުނެފި އެވެ.
މިކަން އާދީއްތަ ދުވަހު ކަށަވަރުކޮށް ދެމުން އެމްވިޑިއާ އިން ބުނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނި އޮޕަރޭޓްކުރާނީ އެންވީޑިއާގެ ޑިވިޝަނެއްގެ ގޮތުގަ އެވެ. އަދި ހެޑްކުއާޓަރު މިހާރެކޭ ވެސް އެއްގޮތަށް ހުންނާނީ ހަމަ އިނގިރޭސިވިލާތުގައި ކަމަށް ބުންޏެވެ.
އެމްވީޑިއާ އާން ވިއްކައިލަން އުޅޭ ވާހަކަ މިދިޔަ މަހު ތިލަވުމާ އެކު އިނގިރޭސިވިލާތުގެ ޓެކްނޮލޮޖީގެ ދާއިރާގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުން ފާޅުކޮށްފައިވެ އެވެ. އަދި އެކަން ހުއްޓުވަން އިނގިރޭސި ސަރުކާރަށް ވެސް ގޮވާލާފައިވެ އެވެ.
އެމްވީޑިއާ އާއި އާމްއާ ދެމެދު ހަދަން ނިންމާފައިވާ މުއާމަލާތާ ގުޅޭ ގޮތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެކަކީ އާމް ވުޖޫދަށް ގެނައުމުގައި ހިއްސާވި ޑރ. ހާމަން ހޯޒާ އެވެ. އޭނާ ވިދާޅުވީ މީގެ 29 އަހަރު ކުރިން ނޮވެމްބަރު 27، 1990 ގައި ވުޖޫދަށް އައި ކޮމްޕިއުޓަ ޕްރޮސެސަ ކުންފުނި އެމެރިކާގެ އެންވީޑިއާ ކޯޕަރޭޝަނަށް ވިއްކާލުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށާއި މިކަން އިނގިރޭސިން ސަރުކާރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އާމަކީ އިނގިރޭސިންގެ ތާޖުގައި ހިމެނޭ މުތެއްގެ ގޮތުގައި ސިފަކުރައްވަމުން ވިދާޅުވީ އެއީ އަލުން މިނިވަން މުސްތަގިއްލު އިނގިރޭސި ކުންފުންޏަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ.
އެންވީޑިއާގެ ސީއިއޯ ޖެންސެން ހުއަންގް ފޯބްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އާމް ގަތުމަށް ފަހު އެންމެ މުހިއްމު ކަމަކަށްވާނީ އޭގެ ބިޔަ ނެޓްވޯކްގެ ތެރެއަށް އެންވިޑިއާގެ ޓެކްނޮލޮޖީ ފެއްތުމެވެ. އަދި އޭގެ މާނަ އަކީ އާމް އިން މިހާރު ގެންގުޅޭ ލައިންސަންސިން މޮޑެލިން އަށް ބަދަލެއް ގެނައުން މުހިއްމު ނުވުން ކަމަށް ވެސް ވިދާޅުވި އެވެ.
"މި މުއާމަލާތް އަހަރެން ހިންގާނީ ކްލައިންޓުން ކުރާ އިތުބާރު ވެސް ނުގެއްލޭ ގޮތަށް އެކަމަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްގެން،" ހުއަންގް ވިދާޅުވި އެވެ.
ހާއްސަކޮށް މޮބައިލް ޑިވައިސްތަކަށް ބޭނުންވާ ގްރެފިކްސް ޗިޕް ޑިޒައިންކުރާ އާމް ޖަޕާނުގެ ސޮފްޓްބޭންކަށް ވިއްކައިލީ 2016 ގަ އެވެ. އެއީ 24 ބިލިއަން ޕައުންޑް (31.4 މިލިއަން ޑޮލަރު) އަށެވެ.