14 ސެޕްޓެމްބަރ 2020 - 14:15

ޕްރިންސިޕަލުންގެ ވަޒީފާއާ ގުޅޭ އުސޫލުގައި ހުރި ގިނަ ކަންބޮޑުވުންތަކާ ގުޅިގެން، ތައުލީމީ ދާއިރާ ދޫކޮށްލަން ވިސްނަމުންދާ ކަމަށް، ބައެއް ޕްރިންސިޕަލުން މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި "ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލު" ބުނާގޮތުން، އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން މަސައްކަތް ކުރެވޭނީ ހަތަރު އަހަރުގެ ދެ ޓާމެވެ. އެ ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައަޅާނީ ވެސް އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެކުލަވާލައްވާ ކޮމިޓީއަކުން ކަމަށް ވާއިރު، ޓެނުއަޝިޕްގެ މުއްދަތުގައި ވެސް އެހެން ސްކޫލަކަށް ބަދަލުކުރުމުގެ ފުރުސަތު އެ ކޮމިޓީއަށް ލިބެ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން، ތައުލީމީ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޕްރިންސިޕަލަކު ވިދާޅުވީ ވަޒީފާގެ އޮނިގަނޑެއް ނެތި އެކަހަލަ އުސޫލެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮވިޑާ ގުޅިގެން ގިނަ ބަޔަކު ތިބީ ނަފްސާނީގޮތުން ވެސް ދަށް ހާލަތެއްގައި ކަމަށާއި އެހެން ހުއްޓައި ވަޒީފާގެ ޔަގީންކަމެއް ނެތް އުސޫލެއް ތައްޔާރުކުރުމުން، ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
"މިހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައި. އަޅުގަނޑު ބޭނުންވަނީ ޓީޗަރަކަށް ބަދަލުވާން މިހާރު. އެކަމަކު ޓީޗަރުގެ ވަޒީފާ ނުލިބިއްޖެނަމަ ދާއިރާ ދޫކޮށްދާން ބޭނުންވަނީ. މިހާރު ވެސް އެހެން ވަޒީފާއެއް ލިބޭތޯ ބަލަމުން މި ދަނީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުމަކީ ސްކޫލެއްގައި ގިނަވެގެން އަށް އަހަރު ވަންދެން މަސައްކަތްކުރެވުމެއް ނޫނެވެ. ޓެނުއަޝިޕް މުއްދަތު ހަމަވުމުން އެ ޕްރިންސިޕަލަކު މަސައްކަތްކުރަންޖެހޭ ސްކޫލު އެނގެންޖެހޭނެ ކަމަށާއި އެކަމަކު މިހާރު އެޑިއުކޭޝަންގެ ވިސްނުން ހުރީ ނާޖައިޒު ފައިދާ ނަގާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެހެން ޕްރިންސިޕަލަކު ވެސް ވިދާޅުވީ ޓެނުއަޝިޕަށް މަސައްކަތްކުރަން ތާއިދުކުރައްވާ ކަމަށެވެ. އެކަމަކު މިނިސްޓްރީން މިހާރު ހަދާފައިވާ އުސޫލުގައި، ކޮމިޓީއަށް ފެންނަ ވަގުތަކު ވަޒީފާ އަދާކުރާތަން ބަދަލުކުރުމަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލު ނެތް މިކަހަލަ އުސޫލަކާއެކު، ގިނަ ދުވަސްވީ ޕްރިންސިޕަލުންނަށް ކުރެވޭނެ ކަމެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަޒީފާގެ އޮނިގަނޑެއް އޮވެފައި މިކަހަލަ އުސޫލެއް އަންނަންޖެހޭނީ. ވަކިން އަންނަންޖެހޭ ކަމެއް ނޫން އެއީ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާނެ ޕްރިންސިޕަލުން. އިތުރަށް [ތައުލީމީ ދާއިރާގައި] ހުންނާކަށް ބޭނުމެއް ނޫން،" ތައުލީމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"ޖޮބް ސެކިއުރިޓީއެއް ނެތް. ކޮންމެ މީހަކު ވެސް ބޭނުންވާނެ ވަޒީފާގެ ކަށަވަރުކަން. އުސޫލުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން އެކަން އެބަ ގެއްލޭ. ތައުލީމީ ދާއިރާގައި މި ހޭދަކުރި މުއްދަތުގައި ވަރަށް ގިނަ ކަންކަން ތަޖުރިބާކުރެވިއްޖެ. ވަރަށް ދެރަވެފައި މި ހުރީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މީހަކު ވެސް ބޭނުންވާނީ އަބުރުވެރި ގޮތެއްގައި ވަޒީފާއިން ވަކިވުމަށެވެ. އެކަމަކު ރިޓަޔާވާން ކައިރިވެފައި ހުއްޓައި، ބެލެނިވެރިއަކު ކަމަކާ ހިތްހަމަނުޖެހި މައްސަލަ ޖެއްސި ކަމުގައި ވިއަސް އެ ޕްރިންސިޕަލްގެ ވަޒީފާ ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮބައިތޯ އަޅުގަނޑުމެން މިއޮއް ހުރިހާ ދުވަހު ކުރި މަސައްކަތުގެ އަގު؟،" ޕްރިންސިޕަލް ސުވާލު ކުރެއްވި އެވެ.
ރަށެއްގައި ހުރި ސްކޫލެއްގައި މަސައްކަތްކުރާ ޕްރިންސިޕަލަކު ވިދާޅުވިގޮތުގައި، އެ ބޭފުޅުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ، ފަންނީ ބަޔަކު ސިޔާސީ ބަޔަކަށް ހެދުމެވެ. އެ ސަބަބާ ހެދި، އޭނާ އުފަން ރަށް ނުވަތަ އަތޮޅުގެ އެހެން ރަށަކުން އެހެން ވަޒީފާއެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޓެނުއަޝިޕަށް ދިޔަ ކަމުގައި ވިއަސް މިނިސްޓްރީއަަށް އެބަ ލިބޭ ބާރު، އެ ޕްރިންސިޕަލް ބަދަލުކުރަން. އެއްވެސް ކަމެއް ރައްކާތެރިކޮށްފައެއް ނެތް،" ތައުލީމީ ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި އެކި އިންތިހާބުތަކާ ދިމާކޮށް ވެސް، ޕްރިންސިޕަލުންގެ މަގާމުގައި ތިއްބެވި އެކި ބޭފުޅުން އެކި ސްކޫލުތަކަށް ބަދަލުކޮށްފައި ވެ އެވެ. އެ ސަބަބުތަކާ ހެދި، ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލެއް ކަނޑައެޅުމުގެ ބާރު ކޮމިޓީއަކަށް ދިނުމަކީ މަސައްކަތަށް ލިބޭނެ ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.
ޕްރިންސިޕަލުންގެ ކަންބޮޑުވުން މިގޮތަށް ހުރި ކަމުގައި ވިޔަސް އެޑިއުކޭޝަނުން ބުނެފައިވަނީ މިކަމުން ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ ކަމަށާއި ލިބޭނީ ކުރިއެރުން ކަމަށެވެ.