13 ސެޕްޓެމްބަރ 2020 - 12:13

އއ. އުކުޅަހުގައި ކަރަންޓީންގައި ހުރި އަންހެނަކު ރޭ މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލް މެމްބަރު ޝައުކަތު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ 64 އަހަރުގެ އެ އަންހެން މީހާ މަރުވީ ރޭ 111 ޖަހާކަންހާ އިރު ކަމަށެވެ. އެ އަންހެން މީހާގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި ކޮވިޑަށް ޓެސްޓުކުރަން މިހާރު ސާމްޕަލް ނަގައި، މާލެ އަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކަރަންޓީންގައި ހުންނަ މީހަކު މަރުވެއްޖެ ނަމަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އުސޫލްތަކާ އެއްގޮތަށް އެ މީހަކަށް ކޮވިޑް ޖެހިފައިވޭތޯ ބަލަން ޓެސްޓުކުރެ އެވެ.
ޝައުކަތު ވިދާޅުވީ އެ އަންހެން މީހާ އަކީ ސިއްހީ ގިނަ މައްސަލަތަކެއް ހުރި މީހެއް ކަމަށެވެ. ހިތުގެ ބައްޔާއި ފުއްޕާމެއާ ގުޅޭ ސިއްހީ މައްސަލަތަކުގެ އިތުރުން ހަކުރު ބައްޔަށް ވެސް އެ އަންހެން މީހާ ފަރުވާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަރުވާ އަށް ވަރަށް ގިނައިން މާލެ ދާނެ،" އޭނާ ވިދާޅުވި އެވެ.
ހިތުގެ މައްސަލައަކާ ގުޅިގެން މާލެ ދިއުމަށް ފަހު ރަށަށް އެނބުރި ދިޔައީ މީގެ ދެ ދުވަސް ކުރިން ކަމަށް ޝައުކަތު ވިދާޅުވި އެވެ. އެ ދަތުރުގައި އޭނާގެ ހިތަށް ދެ ސްޓެންޓް ލެއްވި އެވެ. އައިޖީއެމްއެޗުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރި އިރު ނަތީޖާ އައީ ނެގެޓިވްކޮށް ކަމަށް ވިދާޅުވި އެވެ.
"ރަށަށް އައުމުން ހެލްތު ސެންޓަރުން އޭނާގެ ހާލު ވަރަށް ގާތުން ބަލަމުން އައީ،" ޝައުކަތު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް ގިނަވި ނަމަވެސް އެ އަދަދުތައް މިހާރު ވަނީ އަނެއްކާ ވެސް ދަށްވާން ފަށައިފަ އެވެ. އިއްޔެ 62 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާ އިރު 209 މީހަކު ރަނގަޅުވެފައި ވެ އެވެ. މި ބަލި ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހަކު މިއަދު މަރުވެފައި ވުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 32 އަށް އެރި އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،965 މީހުންނެވެ.