ބައިވެރިޔަކު އިހުތިޔާރުކުރުމާއި ކެއުމާ ގުޅުން ބޮޑު
ބައިވެރިޔަކު އިހުތިޔާރުކުރުމާއި ކެއުމާ ގުޅުން ބޮޑު

މީހުން އަބަދު ވެސް ބުނާ ވާހަކައެއް އޮވެ އެވެ؛ ފިރިހެނެއްގެ ހިތާ ހަމައަށް އަންހެނަކަށް އެންމެ ފަސޭހައިން ވާސިލުވެވޭނީ ބަނޑުންލައިފަ އެވެ. މާނަ އަކީ މީރުކޮށް ކައްކަން އެނގޭ ނަމަ ހިތް އަތުލަން ފަސޭހަވުމެވެ. އެކަމަކު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ޕޯލެއްގެ ނަތީޖާ ދައްކާ ގޮތުން މިކަން މިހާރު ގުޅެނީ ހަމައެކަނި ފިރިހެނުންނަކާ ނޫނެވެ.

ބައިވެރިޔަކު އިހުތިޔާރުކުރުމާއި ކެއުމާ ގުޅުން ބޮޑު
ބައިވެރިޔަކު އިހުތިޔާރުކުރުމާއި ކެއުމާ ގުޅުން ބޮޑު

ދެ ހާހެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕޯލުން ދައްކާ ގޮތުގައި ބައިވެރިޔަކު ހޯދާ އިރު އަންހެނުން ވަރަށް ބޮޑަށް ބަލާ އެއް ކަމަކީ އެ ދެ މީހުންގެ ޓޭސްޓް ދިމާވެތޯ އެވެ. އޭގެ މާނަ އަކީ ދެ މީހުންނަކީ ވެސް އެއްކަހަލަ ކާއެއްޗިއްސަށް ލޯބިކުރާ ދެ މީހުން ނަމަ، ގަޔާވުމުގެ ފުރުސަތު ބޮޑުކޮށްދިނުމެވެ.

ޕޯލްގައި ބައިވެރިވި އަންހެނުންގެ ތެރެއިން 22 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުން ކެއުމުގެ ވައްޓަފާޅި ބަހައްޓާ ގޮތާއި ކާން ލޯބިކުރާ އެއްޗިއްސާ ބައިވެރިޔާއާ އެއްގޮތް ނަމަ އެ ގުޅުމާއިގެން ކުރިއަށްދާން ބާރަކަށްވެ އެވެ. އެހެންވެ ކެއުމާއި ގުޅުމެއްގެ ބަދަހިކަން ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 14 ޕަސެންޓް މީހުން ބުނެފައި ވަނީ ޑޭޓަކަށް ގޮސްފައި ދެ މީހުންގެ ކާ އެއްޗެހީގައި ބޮޑު ފަރަގެއް ހުރިކަން އެނގޭ ނަމަ އެ ހިސާބުން ގުޅުން ކުރިއަށް ގެންދިއުމުގެ ވިސްނުން ވެސް ހުއްޓައިލަ އެވެ. ޕޯލްގައި ބައިވެރި މީހުންގެ ދެބައިކުޅަ އެއްބައި މީހުން އެއްބަސްވާ ގޮތުގައި ދެ މީހުންގެ ޓޭސްޓް ވެސް އެއްގޮތް ނަމަ އެއީ ހިތްކިޔާ ވަރު އިތުރުކޮށް، ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދެން މެދުވެރިވާ ސަބަބަކަށްވެ އެވެ. އަދި 17 ޕަސެންޓް މީހުން ބުނާ ގޮތުގައި އެ މީހަކީ ކިތަންމެ ތަނަވަސް މީހަކަށް ވިޔަސް، ކެއުމުގައި ދެ މީހުންގެ ރަހަ ނުގުޅޭ ނަމަ އެ ގުޅުން ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން އެއްކޮށް ގެއްލެ އެވެ.

މި ޕޯލްގެ ނަތީޖާ އަށް އިޝާރާތްކޮށް ފުޑް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ކްރިސްޓީ ފާގަސަން ވިދާޅުވި ގޮތުގައި ކެއުމާއި ބައިވެރިއަކު އިހުތިޔާރުކުރުމާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަ އަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

"މީހާ ކެއުން ބަހައްޓާ ގޮތާއި ކާ އެއްޗިއްސަކީ އެ މީހާގެ ޝަހުސިއްޔަތު ވެސް ދައްކުވައިދޭ ކަމެއް. އެހެންވެ ގުޅުމަށް ބިނާކުރާ އިރު މިކަމަކީ އިންސާނުންގެ ތެރޭގައި ބަލާ މިންގަނޑެއްގެ ގޮތުގައި އަބަދު ވެސް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ. "ހާއްސަކޮށް ޑޭޓަކަށް ގޮސްފައި ދެ ޖިންސްގެ މީހުން ވެސް މިކަން ފާހަގަކުރާނެ."

ކްރިސްޓީ ވިދާޅުވި ގޮތުގައި ބައިވެރިޔަކު ހޯދާއިރު އެ ނިންމުމަކީ ހަމައެކަނި ހިތާއި ސިކުނޑިން ނިންމާ ނިންމުމެއް ނޫނެވެ. އެއާ އެކު އެކީގައި މީހާގެ "ޓޭސްޓް ބަޑް" އަކީ ވެސް މުހިއްމު ރޯލެއް އަދާކުރާ ކަމެކެވެ.

ޑޭޓަކަށް ފުރަތަމަ ގޮސްފައި ގިނަ ބަޔަކު އިހުތިޔާރުކުރާ ކާނާތަކުގެ ތެރޭގައި ޗިކެން އެންޑް ޗިޕްސް (39 ޕަސެންޓް)، ޕިއްޒާ (39 ޕަސެންޓް) އަދި ސްޓީކް (39 ޕަސެންޓް) ހިމެނެ އެވެ. ފުރަތަމަ ޑޭޓްގައި ދުރުހެލިވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކާނާތަކުގެ ތެރޭގައި ފިޔާ (23 ޕަސެންޓް)، ލޮނުމެދު (36 ޕަސެންޓް) އަދި މަސް (10 ޕަސެންޓް) އެކުލެވޭ ކާނާތައް ހިމެނެ އެވެ.