29 އޮކްޓޯބަރ 2016 - 05:43

ހިންދީ ފިލްމު އިންޑަސްޓްރީގެ ބައެއް މީހުންގެ ފޮނިކަމާއި ބޮޑާކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ، ފިލްމީ ބަތަލާ ކާޖޮލްގެ މަންމަ ތަނޫޖާއާ ބެހޭ ގޮތުން ވެސް މިފަދަ ވާހަކަ ދެކެވެ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ވާހަކަ ގޮސް ގުޅެނީ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ނަދީމް އާއި ޝްރަވަން ވާންއާ އެވެ. ވަކިން ހާއްސަކޮށް ނަދީމް އަށެވެ.

ކާޖޮލްގެ ފުރަތަމަ ފިލްމު "ބޭޚުދީ" ގެ މިއުޒިކް ޑައިރެކްޓަރުންނަކީ ނަދީމް-ޝްރަވަން އަށް ވުމީ މި ދެ މީހުންނާ ކާޖޮލްގެ ގުޅުން ހާއްސަވާ ހަމަ އެކަނި ސަބަބެއް ނޫނެވެ.

ނަދީމް-ޝްރަވަން ފިލްމުތަކަށް މިއުޒިކް ކުޅެދޭން ފެށީ 1970ގެ ފަހަރުގެ އަހަރުތަކުގައި ނަމަވެސް 10 ވަރަކަށް އަހަރު އުޅެން ޖެހުނީ ވަރަށްހާލުގަ އެވެ. ނަސީބު އެމީހުންގެ އަތުގައި ހިފީ 1990 ގައި ނުކުތް "އާޝިގީ"ގެ މިއުޒިކަށް ލިބުނު ބޮޑު ކާމިޔާބާއެކުގަ އެވެ. އޭގެ ފަހުން ދިލް ހޭ ކެ މާންތާ ނެހީ، ސާޖަން، ޕޫލް އައުރް ކާންޓޭ، ސަޅަކް އަދި ދީވާނާ ފަދަ ފިލްމުގެ މިއުޒިކް ފުލުފުލުގައި ހިޓްވެ އަހަރެއްހާ ދުވަސް ތެރޭގައި އެއް ވަނަ މިއުޒިކް ޑައިރެކްޓަރުންނަށް މި މީހުން ވި އެވެ.
"ބޭޚުދީ"ގެ މިއުޒިކް ތައްޔާރުކުރުމަށް އެމީހުންނާ ހަވާލުވީ އެ ދުވަސްވަރު އެވެ. މި ފިލްމަކީ އެ ދުވަސްވަރަށް ބަލާފައި އެ ފިލްމެއްގެ ވާހަކަ ވަރަށް ބާރަށް ދެކެވުނު ފިލްމެކެވެ. ކުރީގެ މަޝްހޫރު ތަރިއެއްގެ ދަރިއެއް ކަމަށްވާ ކާޖޮލް އާއި ހަމަ އެހާ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޝަރުމީލާ ޓޭގޯގެ ފިރިހެން ދަރިފުޅު ސައިފް އަލީ ޚާންގެ ފުރަތަމަ ފިލްމުގެ ގޮތުގައި މަޝްހޫރުވި އެވެ.
ފިލްމަށް ނަދީމް-ޝްރަވާން ތައްޔާރުކޮށްދިން މިއުޒިކް ވަރަށް ރީއްޗެވެ. ނަމަވެސް ފިލްމު ފެށުނުތާ ދުވަސްކޮޅެއް ތެރޭ ސައިފް އެ ފިލްމުން ވަކިވެ ކަމާލް ސަދާނާ ބަތަލުގެ ބައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. ސައިފް ވަކިވީ ފައިސާގެ މައްސަލައެއްގަ އެވެ. އޭރު ބައެއް ލަވައާއި މަންޒަރުތައް ސައިފް ވަނީ ޝޫޓްކޮށްފަ އެވެ.
"ބޭޚުދީ" އަކީ ނަދީމް-ޝްރަވަން އަށް ވެސް ޚާއްސަ ފިލްމެކެވެ. ޚާއްސަކޮށް ކާޖޮލްގެ ހުނަރު ފާހަގަކުރެވި އޭނާ ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ނަދީމް ފެށި އެވެ. ބައެއް ޕްރޮޑިއުސަރުން ގާތަށް ނަދީމް ގޮސް ކާޖޮލްގެ މޮޅު ވާހަކަ ދައްކައިގެން ގިނަ ފިލްމުތަކެއް ކާޖޮލްއަށް ހޯދައިދިނެވެ. "ބާޒީގަރް" އަކީ ވެސް ނަދީމްގެ ރައްޓެހިން މެދުވެރިކޮށް ކާޖޮލްއަށް ލިބުނު ފިލްމެކެވެ.
ނަދީމްގެ މަސައްކަތުން، "ބޭޚުދީ" ރިލީޒްވުމުގެ މާކުރިން ކާޖޮލް މަޝްހޫރުކޮށްލި އެވެ. އަދި "ރަންގް" ކިޔާ ފިލްމެއް ކާޖޮލް އަށް ހޯދައިދޭން އެ ދުވަސްވަރު ނަދީމް މަސައްކަތް ކުރި އެވެ.
މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކާޖޮލް ހޯދަން އެއްދުވަހު ނަދީމް ކާޖޮލްގެ ގެޔަށް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. ކާޖޮލްއަށް އިންތިޒާރުކުރަން މަޑުކޮށްލިތަނާ ނަދީމް އަށް ކާޖޮލްގެ މަންމަ ތަނޫޖާ ފެނުނެވެ. އޭނާ އިނީ އެކުވެރިންތަކަކާ އެކު ތާސްކުޅޭށެވެ. ނަދީމް ގޮވާލުމުން ވެސް ތަނޫޖާ ޖަވާބެއް ނުދިނެވެ. ފެނަން ކަމަށް ވެސް ނުހެދި އެވެ.
ނަދީމްގެ އިންޓަވިއުއެއްގައި ބުނީ އެ ދުވަހު ތަނޫޖާ ފެންތައްޓެއްހާ ހިސާބު ވެސް ދިއްކޮށްނުލި ކަމަށެވެ. އެންމެފަހުން ނަދީމް އެ ގެއިން ނުކުމެގެން ދިޔައީ ކާޖޮލް އުޅޭ ފިލްމަކަށް މިއުޒިކް ވެސް ތައްޔާރުކޮށް ނުދޭން ނިންމައިގެންނެވެ.
މިކަމާ ބެހޭ ގޮތުން ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން އެ ދުވަސްވަރު ބުނެފައި ވަނީ ނަދީމް އުޅުނީ ކާޖޮލްއާ އަޅައިގަނެގެން ކަމަށެވެ. ތަނޫޖާ އެކަމާ ހިތްހަމަނުޖެހޭތީ ނަދީމަށް ފުރަގަސް ދިނީ ކަމަށެވެ.
ކާޖޮލް ފަހުން ނަދީމަށް ގުޅައި ސުލްހަވާން މަސައްކަތްކުރި އެވެ. ނަމަވެސް ނަދީމް ހުރީ އެއަށް ވުރެ މާ ރުޅިގަދަވެފަ އެވެ. ކާޖޮލްގެ ފޯނުކޯލުތަކަށް ވެސް ނަދީމް ޖަވާބެއް ނުދެ އެވެ.
އެންމެ ފަހުން "ރަންގް" ކުޅުވާފައި ވަނީ ދިވްޔާ ބާރަތީ ލައްވަ އެވެ. އެ ރޯލު ދިވްޔާއަށް ހޯދައިދިނި ނަދީމް އެވެ. އެދުވަސްވަރު މި ވާހަކަ ވަރަށް މަޝްހޫރުވި އެވެ. އަދި ކާޖޮލްގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އެވެ. ސަބަބަކީ އޭރު ނަދީމް-ޝްރަވަން އަކީ ފިލްމު އިންޑަސްޓްރީގައި ވަރަށް ނުފޫޒުގަދަ ބަޔަކަށް ވީތީ އެވެ.
"ބާޒީގަރް" ގެ ވެސް މިއުޒިކް ތައްޔާރުކުރަން އޮތީ ނަދީމް-ޝްރަވަން އެވެ. ނަމަވެސް ކާޖޮލްއާ ޖެހުނު މައްސަލައަށް ފަހު އެމީހުން އެ ފިލްމަށް މިއުޒިކް ތައްޔާރުކޮށް ނުދިނުމުން އަންނޫ މާލިކަށް އެ ފިލްމުގެ މިއުޒިކް ޑައިރެކްޓަރުކަން ލިބުނެވެ. "ބާޒީގަރް" ވެފައި ވަނީ އަންނޫގެ މިއުޒިކް ކެރިއަރުގެ ކާމިޔާބީގެ ފެށުން ކަމަށެވެ.
ކާޖޮލް އަކީ ހުނަރުން ފުރިފައިވާ ބަތަލާއަކަށް ވާތީ ނަދީމްގެ ރުޅި އާއި ދެކޮޅުހެދުމާ އެކުވެސް ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބެމުންދިޔަ އެވެ. އަދި ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އެއް ބަތަލާގެ ގޮތުގައި މިއަދާ ހަމައަށް ވެސް ކާޖޮލް އަންނަނީ ފިލްމު ކުޅެމުންނެވެ.
ނަދީމް-ޝްރަވާން ގެ މިއުޒިކީ ކެރިއަރަށް ނިމުން އައީ މިއުޒިކް ކުންފުންޏެއްކަމަށްވާ ޓީ-ސީރީޒްގެ އެންމެ އިސް މީހަކަށް ހުރި ގުލްޝަން ކުމާރު މަރާލިކަމުގެ ތުހުމަތު ނަދީމް ބޮލުގައި އެޅުނު ހިސާބުންނެވެ. ހައްޔަރުކޮށްފާނެތީ ބިރުން އިނގިރޭސިވިލާތަށް ދިޔަ ގޮތަށް އަދިވެސް އުޅެނީ އިނގިރޭސި ވިލާތުގަ އެވެ.