12 ސެޕްޓެމްބަރ 2020 - 23:30

މާލެ ފިޔަވައި ކޮވިޑް-19އަށް ކޮމިއުނިޓީ ސްޕްރެޑްގެ ބިރު އޮތް ގދ. ހޯނޑެއްދޫން އިތުރު ދެ މީހަކު އިއްޔެ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހާ ހަމައަށް އެ ރަށުގައި ބަލި މީހުންގެ ގޮތުގައި ތިބީ 36 މީހުންނެވެ. އެކަމަކު އެ މީހުންނާ ގުޅުން ހުރި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓު ހެދި އިރު އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ވަނީ ބުނެފަ އެވެ.
އެތަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯނޑެއްދޫން ޖުމްލަ 38 މީހަކު މިހާރު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހައި ރިސްކުގެ 18 މީހުން ހިމެނޭ ކަމަށެވެ. ހައި ރިސްކު މީހުންގެ ގޮތުގައި ބަލަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށުން ޕޮޒިޓިވްވި މީހުންނާ ދިމާވެ، އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 202 މީހުން ވަނީ ފާހަގަވެފަ އެވެ. އޭގެ ތެރޭގައި ހައި ރިސްކުގެ 18 މީހުން ހިމެނެ އެވެ.
ބަލި މީހުން އުޅެނީ އެ ރަށުގެ ހަ ޕަސެންޓް ގޭބިސީތަކުގަ އެވެ. އަދި ކޮންޓެކްޓުން، 19 ގޭބިސީ އަކަށް ބެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްޔަށް ޓެސްޓު ކުރުމަށް މިއަދު ވެސް އެ ރަށުން ވަނީ 11 ސާމްޕަލެއް ނަގައިފަ އެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ޕޮޒިޓިވި މީހުންގެ ކޮންޓެކްޓުންނާއި އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ހަ މީހަކު ހިމެނެ އެވެ. ނަޒްލާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާތަކެއް އަދި ނުލިބެ އެވެ.
ހޯނޑެއްދޫން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން 19 މީހަކު ޕޮޒިޓިވްވި އިރު އެޗްޕީއޭއިން ފުރަތަމަ ބުނީ އެ މީހުންނަށް ބަލި އައީ ކިހިނެއް ކަން އަދި ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު އެ މީހުންނަށް ބަލި އެރީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުން ތިބި ގެއިން ނެރުނު ފޮއްޓެއްގެ ޒަރިއްޔާއިން ކަމަށް ފަހުން ވަނީ ބެލެވިފަ އެވެ.
އެކަމަކު އެޗްއޯއީސީން ބުނިގޮތުގައި ހޯމް ކަރަންޓީނުގައި ތިބި މީހުން ފިޔަވައި ހޯނޑެއްދޫން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންނާ އެހެން ބަޔަކާ ކޮންޓެކްޓް ވެފައިވާކަމެއް އެނގިފައެއް ނުވެ އެވެ.
ހޯޑެއްދޫގެ އިތުރުން އެ ރަށާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.