12 ސެޕްޓެމްބަރ 2020 - 19:51

ހއ. އިހަވަންދޫން އިއްޔެ ޕޮޒިޓިވްވި ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ އިމާރާތްކުރުމުގެ މަސައްކަތަށް އެ ރަށަށް ދިޔަ ބައެއް ކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ބުނެފިި އެވެ. ދެން އެ ރަށުން ޕޮޒިޓިވްވީ މާލޭން ދިޔަ އެހެން ދިވެއްސެކެވެ.
އިހަވަންދޫ ސިއްހީ މަރުކަޒުގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އަކްރަމް މިއަދު ވިދާޅުވީ އެ ރަށު ސްކޫލު އިމާރާތް ކުރުމަށް ގޮސް ތިބި ބިދޭސީންނާއި އަނެއް ދިވެހި މީހާ ޕޮޒިޓިވްވިކަން އެނގުނީ، 14 ދުވަހުގެ ހޯމް ކަރަންޓީން ނިންމުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.
އިހަވަންދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، ސިއްހީ މަރުކަޒުން ވަނީ އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައިފަ އެވެ. އެކަމަކު އަކްރަމް ވިދާޅުވީ، ހޯމް ކަރަންޓީނުގެ އުސޫލާ އެމީހުން ހިލާފުނުވާތީ، ބަލި އެހެން ބަޔަކަށް ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.
"އެ މީހުންގެ ކޮންޓެކްޓުންނެއް ނެތް. އެހެންވެ، ރައްޔިތުންނަށް ބިރެއް ނެތް ކަމަށް ދެކެނީ،" އަކްރަމް ވިދާޅުވި އެވެ.
އިހަވަންދޫގެ އިތުރުން އިތުރު 12 ރަށަކުން އިއްޔެ ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ. އެއީ ހއ. ކެލާ، ހއ. ފިއްލަދޫ، ހދ. ނައިވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަކު އަދި ސ. ފޭދޫ އެވެ. އެ ހުރިހާ ރަށަކުން ވެސް ބަލި ޖެހުނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނަށެވެ.