ހިޔާ ފްލެޓުތަކުގައި ފަޔަ ޑްރިލެއް ބާއްވައިފި
ހިޔާ ފްލެޓުތަކުގައި ފަޔަ ޑްރިލެއް ބާއްވައިފި

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ހިޔާ ފްލެޓުތަކުގައި ފަޔަ ޑްރިލެއް މިއަދު ބާއްވައިފި އެވެ.

ހިޔާ ފްލެޓުތަކުގައި ފަޔަ ޑްރިލެއް ބާއްވައިފި
ހިޔާ ފްލެޓުތަކުގައި ފަޔަ ޑްރިލެއް ބާއްވައިފި

އެމްއެންޑީއެފްގެ މޭޖަ އާޒިމް އިބްރާހިމް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ ޑްރިލެއް ހިޔާ ފްލެޓުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ފަރިތަކުރުންތަކުގައި އެކަމަށް ހާއްސަ ވެހިކަލްތައް ބޭނުންކޮށްގެން އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތްކުރާނެ ގޮތްތައް ދަސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މިއީ އެމްއެންޑީއެފްގެ ފަޔަ ފައިޓާސްގެ ގާބިލްކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ތަމްރީނުތަކެއް،" އާޒިމް ވިދާޅުވި އެވެ.

"ހިޔާ މަޝްރޫއު"ގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރަތްކުރަން ފެށި 25 ބުރީގެ ފްލެޓުތަކަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. އެ ފްލެޓުތަކުގައި މީހުން ދިރިއުޅެވޭނީ އަށް ވަރަކަށް މަސް ފަހުން ކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވިދާޅުވި އެވެ.

އެ ފްލެޓެއްގައި ނުވަތަ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވެވޭނެ ގޮތްތަކާ މެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ހިޔާ ފްލެޓުތަކަށް ވަދެ އެތަން ބެލުމަށްފަހު އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް (އޭއޭއެމް) އިން ނެރުނު ރިޕޯޓްގައި ވެސް ވަނީ ޓަވަރެއްގެ ތިރީ ފްލޯތަކުގައި އެކީ އަލިފާން ރޯވެއްޖެ ނަމަ މީހުން ސަލާމަތްކުރަން މަތީ ފްލޯތަކަށް ފޯރާނެ ވަސީލަތްތައް ރާއްޖޭގައި ނުހުރުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.