މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހަކު ކަރަންޓީނަށް
މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހަކު ކަރަންޓީނަށް

ނ. މަނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އެ މީހުން ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށް އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގު ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ރޭ ނިންމާލިއިރު 11 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލިސްޓު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވާފައިވާ ކަމަސާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އިތުރަށް ބަލައި އަދަދު ފައިނަލްކުރާނީ އެތަނުން ކަމަށެވެ.

ޕޮޒިޓިވްވި ފިރިހެން މީހާ އަދި ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ މީހަކު ނެތެވެ.

"އެޗްޕީއޭ އިން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ފައިނަލްކުރާއިރު، ލިސްޓަށް ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތް. ފަހަރެއްގައި އަދަދު މަދު ވެސް ވެދާނެ ގިނަ ވެސް ވެދާނެ،" ޝަފީގު ވިދާޅުވި އެވެ.

އެ ފިރިހެން މީހާގެ ސާމްޕަލް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. މާލެ ފޮނުވައިގެން ހެދި ޓެސްޓުގެ ނަތީޖާ ރޭ ލިބުނުއިރު ފިރިހެން މީހާ ހުރީ ގެއިން ބޭރުގަ އެވެ. ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ފުލުހުން ވަނީ އެ މީހާ ޖޫރިމަނާކޮށްފަ އެވެ. އެ މީހާ މިވަގުތު ހުރީ ހޯމް އައިސޮލޭޝަންގަ އެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ މަނަދޫ މީހަކާ އިނދެގެން އުޅޭ މާފަރު މީހެކެވެ. އޭނާ އަކީ، ސޮނެވާ ޖާނީ ރިސޯޓުގެ ވަޒީފާއިން ކަނޑާލުމުން އެ ރަށަށް ދިޔަ މީހެކެވެ. އޭނާ ރަށަށް ދިޔައީ ވެސް އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ނުނަގާ ކަމަށް ވެ އެވެ. އަދި ރަށުގައި ކަރަންޓީނުގައި ހުރި ގޭގައި މީހުން އުޅުނު ކަމަށް، އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ފިރިހެން މީހާ އިއްޔެ ހުކުރު ނަމާދަށް ވެސް ދިޔަ އެވެ. އޭގެކުރިން ކެފޭތަކާއި އާއްމުން ގިނައިން ގޮސް އުޅޭ އެހެން ސަރަހައްދުތަކަށް ވެސް އޭނާ ދިޔައިރު، ބައްދަލުވި މީހުންގެ އަދަދު ވެސް ގިނަ ކަމަށް ވެ އެވެ.