13 ސެޕްޓެމްބަރ 2020 - 07:19

ޕްރަބާސް ބަތަލުގެ ރޯލް އަދި ސައިފް އަލީ ޚާން ވިލަންއެއްގެ ރޯލް ކުޅޭ ގޮތަށް ދާފި ފަހުން އިއުލާންކުރި ބޮޑު ބަޖެޓް ފިލްމު "އާދިޕުރުޝް" ގެ ބަތަލާގެ ރޯލުން ފެންނާނީ އަނުޝްކާ ޝަރުމާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި މި އަހަރުގެ ޖެނުއަރީގައި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ "އާދިޕުރުޝް" ވަނީ އަނުޝްކާ އަށް ނެރޭޓް ވެސް ކޮށް ދީފަ އެވެ.
އެ ނޫހުން ބުނި ގޮތުގައި އަލަތު ދަރިފުޅަށް މިހާރު ބަލިވެއިން ބަތަލާ ވަނީ ސްކްރިޕްޓް ކިޔައިދިނުމާ އެކު ވަގުތުން އެއަށް އެއްބަސްވާނެކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ފިލްމުގެ ބަތަލާ ސީތާގެ ކެރެކްޓާ އަކީ އަނުޝްކާ ވަރަށް ގަޔާވި ކެރެކްޓާއަކަށްވުމުން އޭނާ އެ ރޯލް ކޮންމެހެން ވެސް ކުޅެން ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކުރި ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
"އާދިޕުރުޝް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެހެންވެ ވިހެއުމަށް ފަހު، އަނުޝްކާ އަށް ފިލްމަށް ވަގުތު ވެސް ދެވޭނެ އެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ވިހާނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ. އަނުޝްކާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. އޭގެ ފަހުން އޭނާ ރަސްމީކޮށް އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ބާހްބަލީ" ކުޅުނު ޕްރަބާސް "އާދިޕުރުޝް" ގައި ކުޅޭނީ ލޯޑް ރާމާގެ ކެރެކްޓާ އެވެ. ސައިފްގެ ކެރެކްޓާ އަކީ ލަންކޭޝް އެވެ. މި ފިލްމަކީ "ތާނާޖީ" ގައި ނުބައިބައި ރޯލެއް ކުޅުމަށް ފަހު، އޯމްއާ އެކު ސައިފް މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
"އާދިޕުރުޝް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ 2022 ގަ އެވެ.