ކޮވިޑްގެ ނަންބަރުތަކުން އުންމީދެއް، އަދި ހިފަހައްޓާލަންޖެހޭ!
ކޮވިޑްގެ ނަންބަރުތަކުން އުންމީދެއް، އަދި ހިފަހައްޓާލަންޖެހޭ!

ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ކޭސްތައް އިތުރުވެ ކޮވިޑް ފެސިލިޓީތަކަށް ބާރު ބޮޑުވުމަށް ފަހު އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން އުންމީދެއް ވަނީ ލިބިފަ އެވެ. މާލެ ސަރަހައްދުގައި އޮތް ލޮކްޑައުން އުވާލައި އެކަމަކު ރޭގަނޑު ބޭރުގައި އުޅުން މެންދަމުން ފެށިގެން ފަތިހާ ހަމަ އަށް މަނާކޮށްފައި އޮތް މާބޮޑު ނަތީޖާއެއް ނެތް އެންގުން ބަދަލުކޮށް ހަރުކަށިކުރި ފަހުން ޕޮޒިޓިވް ކޭސްތައް ވަނީ ކުޑަކޮށް މަދުވެފަ އެވެ. ކޮވިޑް ފެތުރޭ ހާލަތު ވަޒަންކުރުމަށް ބަލާ މުހިންމު ނަންބަރުތަކުން ވެސް މި ހެޔޮ ބަދަލު މިހާރު އެބަ ފެނެ އެވެ.

ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ހަމަ އަށް ވެހިކަލް ދުއްވުން މަނާކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މިދިޔަ މަހުގެ 23 ގައި މަނާކުރުމާ އެކު ރޭގަނޑުގެ ހަލަބޮލިކަން ވަރަށް ކުޑަވެގެން ދިޔަ އެވެ. ފާޑުކިޔުން އަމާޒުވި މި ނިންމުމުގެ ހަފުތާއެއްގެ ކުރިއާއި އޭގެ ފަސް އަޅާކިޔާލުމުން ވެސް ތަފާތު ފެނެ އެވެ.

ފިޔަވަޅުތައް ހަރުކަށިކުރުމުގެ ކުރީ ހަފުތާގައި 1،026 މީހަކަށް ބަލި ޖެހިފައިވެ އެވެ. ޖެހިގެން އައި ހަފުތާގައި މި އަދަދު 872 އަށް ދަށްވި އެވެ. އޭގެ ފަހު ހަފުތާގައި ކޭސްތައް އަނެއްކާވެސް ކުޑަކޮށް މައްޗަށް ޖެހިލައި 917 އަށް އެރިޔަސް މިހާރު މި ހިނގާ ހަފުތާގައި ކޭސްތަކުގެ އަދަދު ހުރީ މިއިން ދުވަހަކު ވެސް ނުދާހާ ބޮޑަށް ދަށަށް ގޮސްފަ އެވެ.

މިދިޔަ ފަސް ދުވަހުގެ ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދަކީ 390 އެވެ. މި ފަސް ދުވަހުގެ ކޭސް އެވްރެޖަކީ ދުވާލަކަށް 78 އެވެ. އެހެންވެ، މި މަހުގެ 13 އަށް ނިމޭ ހަފުތާގައި ކޮންމެ ދުވަަހަކު ބަލިޖެހޭ މީހުންގެ އެވްރެޖް 100 އިން މަތިވާނެ ކަމަކަށް ނުބެލެވެ އެވެ.

އަންލިންކްޑް ކޭސްތަކަކީ ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ބެލުމުގައި އެންމެ ބޮޑު ފާހަގަ އެވެ. އަންލިންކްޑް ނުވަތަ ބަލި ޖެހުނީ ކާކުގެ ފަރާތުންކަން ނޭނގޭ މީހުންގެ އަދަދު ޖުލައި މަހުގެ ތެރޭގައި އެއް ހަފުތާއަކު ވަނީ 50 އަށް އަރައިފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 16 ވަނަ ހަފުތާގެ ތެރޭގަ އެވެ.

މި އަދަދު މަޑުމަޑުން ދަށްވަމުން އައިސް މި ފަހުން އެންމެ ބޮޑަށް ދަށަށް ދިޔައީ 19 ވަނަ ހަފުތާގެ ތެރޭގަ އެވެ. އެއީ 31 އަށެވެ. ޖެހިގެން އައި ހަފުތާގައި މި ނަންބަރު 35 އަށް އެރުމަށް ފަހު އެންމެ ފަހުން މި އަދަދު ބަލާފައިވާ 21 ވަނަ ހަފުތާގެ ޖުމްލަ އަކީ 34 އެވެ. މިއީ މި މަހުގެ 8 އަށް ނިމުނު ހަފުތާގަ އެވެ. މި އަދަދު ދަށްކޮށް ހުރުމުގެ މާނަ އަކީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ދިއުމާއި ބަލި ޖެހިފައި ހުރެގެން އާންމުންގެ ތެރޭގައި މީހުން އުޅުން މަދުވުން އަދި ބޭރުގައި އުޅޭއިރު ބަލިން ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅު އަޅައިގެން އުޅުމެވެ. މިއީ ބަލި ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ކަންކަމެވެ. އެއީ އެހެން މީހުންނާ ގައިގޯޅިވެ ނޫޅުމާއި އަތުގެ ސާފުތާހިރުކަން އަބަދުވެ ޔަގީންކުރުމާއި މާސްކް އެޅުން ފަދަ ކަންކަމެވެ.

އެންމެ ފަހުން އެޅި، ކާފިއުގެ ފިޔަވަޅުތައް ފެށި ހަފުތާ ނުވަތަ ރާއްޖޭގައި ބަލި ފެތުރެން ފެށިތާ 20 ވަނަ ހަފުތާގައި ފްލޫ ކްލިނިކްތަކުން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ނިސްބަތަކީ 21.12 އެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި މި ޕަސެންޓޭޖް ވަނީ 13.4 އަށް ދަށްވެފަ އެވެ.

ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދު މިހާތަނަށް އެންމެ މައްޗަށް ގޮސްފައިވަނީ 16 ވަނަ ހަފުތާގަ އެވެ. އެއީ 24.15 ޕަސެންޓަށެވެ. އެންމެ ދަށްވީ 12 ވަނަ ހަފުތާގައި 2.84 ޕަސެންޓަށެވެ. އެއީ ހަރުކަށި ލޮކްޑައުން ނިމުނު ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

ކޮވިޑަށް ފަރުވާދޭން ހެދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު އަތޮޅުތަކުގައި ފަރުވާދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ. ރޭގަނޑު ބޭރުގައި އުޅެވޭ ވަގުތު މަދުކޮށް ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅި އިރު އެނދުތަކުގެ 62 ޕަސެންޓް ފުރިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ފިޔަވަޅުތައް ހަރުކަށިކުރި ހަފުތާގެ އެވްރެޖަށް ބަލާއިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 79 އެނދު ބޭނުންކުރި އެވެ. މާނަ އަކީ ކޮވިޑް ޖެހި ހާލު ބޮޑުވެގެން ނުވަތަ ހާލު ބޮޑުވެދާނެ ފަދަ ސަބަބުތައް ހުރި މީހުން ހޮސްޕިޓަލުގައި ބައިތިއްބަން ޖެހުމެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި މި އެވްރެޖް 70 އަށް ދަށަށް ގޮސްފައިވާ ކަމަށް އެންމެ ފަހުން އެޗްޕީއޭގެ ޑޭޝްބޯޑުގައި އާންމުކުރި މައުލޫމާތުން އެނގެ އެވެ.

އެޗްޕީއޭ އިން ކޮންމެ ރެޔަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު މަޑުމަޑުން ދަށްވަމުން އައިކަން ފާހަގަވި އެވެ. އަދި ބަލިން ރަނގަޅުވާ މީހުން ގިނަވުމާ އެކު އައިސޮލޭޝަން ފެސިލިޓީތަކުގެ އާބާދީ ވެސް ހާހުން މަތީގައި ހުރުމަށް ފަހު އިއްޔެ ވަނީ 951 އަށް ދަށްވެފަ އެވެ.

އަލަށް ބަލިޖެހޭ އަދަދު ކުޑަކޮށް ދަށްވެލައި އަދި ރަނގަޅުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުން ރިކަވަރީ ރޭޓް ވެސް މިހާރު ވަނީ 76.15 އަށް މައްޗަށް ގޮސްފަ އެވެ.

މިހާރު ފެންނަ އުންމީދީ މަންޒަރާ އެކު ޑަބްލިން ޓައިމް ނުވަތަ ބަލި ޖެހޭ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރުވާން ނަގާ ވަގުތު ވެސް ވަނީ އިތުރުވެފަ އެވެ. މި އަދަދު 19 ވަނަ ހަފުތާގައި 34 ގައި ހުރުމަށް ފަހު 20 ވަނަ ހަފުތާގައި 39 އަށް ވަނީ މަތިވެފަ އެވެ. އަދި އެންމެ ފަހު 21 ވަނަ ހަފުތާގައި ހުރީ 58 ގަ އެވެ. މާނަ އަކީ ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދެ ގުނަ އިތުރުވާން މިހާރު ހުރި ރޭޓަށް ބަލާއިރު 58 ދުވަސް ނަގާނެކަމެވެ.

މިއީ ސިއްހީ ހިދުމަތްތެރިންނާއި އާންމުންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ނަތީޖާ އެވެ. ދީފައިވާ ލުއިތަކަށް ބަދަލު ގެންނަންޖެހޭ ބަލާ އިންޑިކޭޓާ ސްކޯ ޖުލައި މަސް ނިމުނު އިރު 9 އަށް އެރި އެވެ. އޭގެ އެންމެ ޕޮއިންޓެއް މައްޗަށް ޖެހުނަސް ފިޔަވަޅުތައް ހަރުކަށި ކުރާނެ އެވެ. އެކަމަކު އާ ފިޔަވަޅުތަކާ އެކު މި ނަންބަރު މިހާރު ހުރީ 6 އަށް ދަށްކުރެވިފަ އެވެ. މިގޮތުގައި ކުރިއަށް ދެވޭ ނަމަ އަދިވެސް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑެވެ.