27 އޮކްޓޯބަރ 2016 - 13:58

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންގެ ގޮތުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތްޕުޅަށް އަރާވަޑައިގެންފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެމްބަރުން މިހާރު އެބަތިއްބެވި އެވެ. އޭގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު، ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މީގެ ކުރިން މައުމޫންގެ ފެކްޝަނާ އެކު މަސައްކަތް ކުރެއްވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތޮފާ އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ހިމެނިވަޑައިގަންނަވަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު، އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ވަކި ވިސްނުމެއްގައި މަސައްކަތް ކުރައްވާ އަށް މެމްބަރުން މިހާރު އެބަތިއްބެވި ކަމަށާއި އެ ބޭފުޅުން މިހާރު އެ ފެނިވަޑައިގަންނަވަނީ ކަމަށެވެ.
"އަޅުގަނޑުމެން އަށް މީހުން ދެން އަމަލު ކުރާނީ ވަކި ވިޕްލައިންތަކެއް ކަނޑައެޅުމުން،" ފާރިސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތޮފާ ވިދާޅުވީ "މިއީ ރައީސް މައުމޫންގެ ޕާލަމެންޓްރީ ގުރޫޕް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދަށް ފަހު ރައީސް ޔާމީންގެ ފަޅިން ނެރޭ އެއްވެސް ވިޕްލައިނަކަށް ތަބައެއްނުވާނެ އެވެ.
"އަޅުގަނޑުމެން ތިބޭނީ ސާބިތުކަމާ އެކުގައި، ގައުމީ ބޮޑު މަަސައްކަތެއް މި ފެށީ،" މުސްތޮފާ ވިދާޅުވި އެވެ.