11 ސެޕްޓެމްބަރ 2020 - 18:58

ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ބާއްވާ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ކުރާ ޖޫރިމަނާ ފައިސާ ދެއްކުމަށް އެ ކޯލިޝަންގެ ސަޕޯޓަރުންގެ އެހީ އަށް އެދި ފަންޑު ފޮއްޓެއް މިއަދު ހުޅުވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި "ހައްގު ފޮށި" ނަމުގައި ފަންޑު ފޮށި ހުޅުއްވައިދެއްވީ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެވެ. އެމަނިކުފާނާއި އެ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ފަންޑު ފޮއްޓަށް އެ ރަސްމިއްޔާތުގައި ފައިސާ ޖަމާކުރި އެވެ.
މި ފަންޑު ފޮށި މި ހުޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ ގައިޑްލައިނާ ޚިލާފަށް އެ ކޯލިޝަނުން މުޒާހަރާކޮށްފައިވާތީ، އިލެކްޝަންސް ކޮމިޝަނުން އެ ދެ ޕާޓީ 150،000ރ. އިން ޖޫރިމަނާކޮށްފައި ވަނިކޮށެވެ. ގިނަ ބަޔަކު އެއްތަނަކަށް ޖަމާކޮށް، މާސްކް ނާޅާއި މުޒާހަރާކުރި މައްސަލައިގައި އެ ކޯލިޝަންގެ އިސްވެރިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކޮށްފަ އެވެ.
މި ފައިސާ ދައްކަން ހުޅުވި ފަންޑް ފޮއްޓަށް ކޮންމެ ދުވަހަކު ހެނދުނު 10:30 އިން ހަވީރު 6:00 އަށް ފައިސާ ޖަމާކުރެވެ އެވެ. އަތޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް އޮންލައިންކޮށް 7730000113564 އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ކޮންމެ ހަރަކާތަކީ ވެސް އެކަމަކަށް ފައިސާ ބޭނުންވާ ކަންކަން ކަމަށެވެ. އެހެންވީމާ އެކަމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށާއި ފަންޑު ފޮއްޓެއް ހުޅުވުމަކީ އެގޮތުން ކުރި ފުރަތަމަ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން ކުރިއަށް ގެންދާނެ އެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ލޯޔަލް ކާޑެއް އެބަ ތައާރަފްކުރަން، ގޯލްޑް ސިލްވާ އަދި ޕްލެޓިނަލް ލެވެލް ހިމެނޭހެން. ދެން މި ކާޑު ބައްލަވައިގަތީމަ ލިބޭ ވަކި ފައިދާތަކެއް ހުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކާޑަކީ އާންމުންގެ އެދުމުގެ މަތިން ހަދާ ކަޑެއް ކަމަށެވެ. އަދި ވަރަށް ބޮޑު އަގުގައި އެކާޑު ގަންނަން ބޭނުންވާ މީހުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އާންމުންގެ މިހާ ބޮޑު އެއްބާރުލުމެއް ޕާޓީއަށް ލިބެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް އިތުބާރުގެ ސަބަބުންނެވެ. ރާއްޖޭގެ އިގުތިސޯދު އަނދަވަޅެއްގައި އޮތް އިރު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށާއި، އިތުބާރު އޮތީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވި އެވެ.
"މިއަދު ރައްޔިތުން ވިދާޅުވަނީ މި ސަރުކާރަށް އިތުބާރެއް ނެތޭ. މި ސަރުކާރާ އެކު ކުރިއަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތޭ. އެ އިތުބާރު ދެއްވީ ރައީސް ޔާމީނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރެނިކޮށް އެއްވެ އުޅުން ފަދަ ހަރަކާތްތައް ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޯލިޝަނާއި އެ ދެ ޕާޓީގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންނަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އެކަމަކު، ފިޔަވަޅު އަޅަނީ ހަމަހަމަކަމާއި އިންސާފުން ނޫން ކަމަށާއި ކޯލިޝަންގެ ބޭނުމަކީ ސަރުކާރުގެ ގޯސް އަމަލުތައް ހުއްޓުވުން ބުނެ މުޒާހަރާތައް ހުއްޓަސް އިދިކޮޅުން ވަނީ ދެކޮޅު ހަދައިފަ އެވެ.