12 ސެޕްޓެމްބަރ 2020 - 06:58

ވަރަށް ގިނަ ފިލްމުތަކާއި އާންމުންގެ މެދުގައި މަގުބޫލުވި ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ބަތަލާ ޝެފާލީ ޝާހް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ފަށައިފި އެވެ.
އުމުރުން 48 އަހަރުގެ ޝެޕާލީ އަކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިޕުލް ޝާހްގެ އަންހެނުންނެވެ. ވިޕުލް އަކީ "ނަމަސްތޭ ލަންޑަން" އާއި "ސިންގް އިޒް ކިންގް" އަދި "އެކްޝަން ރިޕްލޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 20 އަހަރުވެފައިވާ ޝެފާލީގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި އެންމެ ފުރަތަމަ ގެނެސްދޭން ނިންމާފައި ވަނީ ކުރު ފިލްމެކެވެ. ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އުޅުނު އަންހެން ޑޮކްޓަރެއްގެ މަރާ ގުޅޭ ގޮތުން ހަދާ ފިލްމެކެވެ.
ފިލްމާ ބެހޭ ގޮތުން ޝެފާލީ ބުނީ އޭނާ ހަމައެކަނި ފިލްމު ޑައިރެކްޓްކުރަނީ ނޫން ކަމަށާއި އޭގެ ސްކްރީންޕްލޭ ލިޔެ، ފިލްމުގެ މައި ރޯލް ވެސް ކުޅޭނެ ކަމަށް ބުންޏެވެ. ފިލްމުގެ ވާހަކަ ޝެފާލީ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް މިއީ އާ ބާބެއްގެ ފެށުން ކަމަށް ބުނެފަ އެވެ.
"ޑައިރެކްޝަނަށް ނުކުންނަން ނިންމުމުގެ ކުރިން ވެސް އަހަންނަކީ ލިޔަން ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ މީހެއް. އެކަމަކު ކުރިން މަސައްކަތްތަކާއި އާއިލީ ކަންކަމުގައި ބުރަކޮށް އުޅެން ޖެހޭތީ ލިޔަން އިށީންނާކަށް ވަގުތެއް ނުލިބޭ،" ޝެފާލީ ބުންޏެވެ. "އެކަމަކު ލޮކްޑައުންގެ ތެރޭގައި އެ ފުރުސަތު ވަރަށް ބޮޑަށް ލިބި ލިޔުންތެރިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވުނީ."
ޝެފާލީ ބުނީ އޭނާގެ އަލަތު ފިލްމު ކުރު ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމި ނަމަވެސް ޑައިރެކްޓަރެއްގެ ޒިންމާ ކުޑައެއްމުވާނެ ކަމަށެވެ. އަދި އެކަން އަބަދު ވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް ބުންޏެވެ.
"އަހަރެންގެ ސްކްރިޕްޓަކީ އޭގެ ޕްލޮޓަށް ބަލާއިރު ވަރަށް ބޮޑު ޓޮޕިކެއް ކަންނޭނގޭ. އެހެން ވިޔަސް ވަރަށް ރަނގަޅަށް ފިލްމަށް އިންސާފުކޮށްދެވޭތޯ ބަލާލަން." ޝެފާލީ ބުންޏެވެ.
އޭނާ ބުނީ މި މަސައްކަތްތަކަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ ވިޕުލްގެ އެހީ އާއި ތަޖުރިބާ އޭނާގެ މަސައްކަތަށް ލިބޭނެތީ އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ސްކްރިޕްޓް ރަނގަޅުވެއްޖިއްޔާ ފިލްމު ވެސް ރަނގަޅުވާނެ. ސްކްރިޕްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ." ޝެފާލީ ބުންޏެވެ.
"އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ ޝެފާލީ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ސަތިއާ"، "މުހައްމަބަތޭން"، "ވަގުތު: ރޭސް އެގެއިންސްޓް ޓައިމް"، "ގާންދީ: މައި ފާދާ"، "ދިލް ދަޅަކް ނޭ ދޯ" އަދި "ބްރަދާޒް" ހިމެނެ އެވެ.
ޝެފާލީ ޑައިރެކްޓަރެއްގެ ގޮތުގައި ނުކުތުންވެގެން ދާނީ އަންހެން ޑައިރެކްޓަރުން މަދު ބޮލީވުޑަށް އިތުރުވާ ބޮޅަކަށެވެ.